ސިޔާސީ މީހުންގެ އަރައިރުން ދެކެން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ ތާރީހު ތަކުރާރު ނުކުރައްވާނެ ކަމަށް، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެނޑިޑޭޓުންގެ ސަންގު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރާ ބޭފުޅާ ދެން އަންނަ ސަރުކާރެއްގައި ޖަލަށް ލުމަކީ މިހާރު ތާރީހީ ކަމަކަށް ވެއްޖެ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ތަކުރާރު ނުކުރައްވާނެ ކަމަށެވެ.
އަދި ހަމައެއާއެކު އިންތިހާބުގައި ވާދަކުރާނެހެން ހީވާ ބޭފުޅަކު ހުރަގެޔަށް ލައިގެން އިންތިހާބަށް ކުރިމަތިލުމަކީ ޑިމޮކްރެޓިކްސް ޤައުމެއްގައި ކަންކުރާނެ ގޮތެއް ނޫން ކަމަށާއި އޭނަގެ ވެރިކަމެއްގައި އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
"ވަކި ބޭފުޅަކު ތިމަންނަ އާއި ވާދަކުރާނެހެން ހީވާ ބޭފުޅަކު ހުރަގެޔަށް ލައިގެން އިންތިހާބަށް ކުރިމަތިލުމަކީ ތަސައްރަފް ފުދިފައި އޮތް ޑިމޮކްރެޓިކް ޤައުމެއްގައި ކަންކުރާނެ ގޮތެއް ނޫން." ފާރިސް ވިދާޅުވިއެވެ.
ސިޔާސީ މީހުންގެ އަރައިރުން ދެކެން ރައްޔިތުން ބޭނުން ނުވާ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޖިނާއީ ނިޒާމުގައި ވަރަށް ބޮޑެތި މައްސަލަތައް ހުރިކަން ފާރިސް ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ޖިނާއީ ނިޒާމު ވަރަށް ބޮޑެތި މައްސަލަތައް އެބަހުރިކަން. ޒަމާންތަކެއް ވެއްޖެ އެކަން އެހެން އޮންނަތާ، އަޅުގަނޑުމެންގެ ފުލުހުންގެތެރެއިންވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށްވެސް ކޯޓުތަކުގެ ތެރެޔަށްވެސް ނުފޫޒު ވަންނަ މައްސަލައަކީ މައްސަލައެއް.". ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ، ރާއްޖެއިން މިހާރު ފެނިގެންދާ މަންޒަރަކީ ބާރުގެ ބޭނުންކޮށްގެން ޖުޑީޝަރީ އާއި އެހެނިހެން މުއައްސަތަކަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ކަމަށާއި އޭނާގެ ވެރިކަމެއްގައި އެހުރިހާ މުއައްސަސާތައް މިނިވަންކޮށް، ހުރިހާ މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރުުސަތު ހޯދައިދޭނެކަމަށެވެ.
"ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުންނަށް އިއްވަމުންދާ ހުކުމްތަކަކީ ހަލާލް ހުކުމްތަކެއް ކަމަކަށް ގިނަ ރައްޔިތުން ގަބޫލެއް ނުކުރޭ. އެކަން އިސްލާހު ކުރަންޖެހޭ." ފާރިސް ވިދާޅުވިއެވެ.
ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެނަަމަ، ފޯރުވަމުންދާ ބާރުތައް ދޫކޮށްލައި، ކޯޓުތައް މިނިވަން ކުރުމާއެކު، ފުލުހުންގެ ތެރެޔަށް ސިޔާސީ ނުފޫޒުތައް ވަންނަ މަގުތައް ބަނދުކޮށް، ޕީޖީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.