ރާއްޖެ ބަނގުރޫޓްވެދާނެ ވާހަކައަކީ ސިޔާސީ ބޭނުމުގައި ދައްކާ ބުހުތާނު ދޮގު ވާހަކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް ކުޅުދުއްފުއްޓަށް ވަޑައިގެން މިރޭ އެ ޕާޓީން ބާއްވާ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ވާދަވެރިން އެންމެ ބޮޑަށް އަމާޒުކޮށް ދައްކާ ވާހަކައަކީ ރާއްޖެ ބަނގުރޫޓްވެދާނެ ވާހަކަ ކަމަށާއި، ދަރާފައިވާ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ސިޔާސީ ބޭނުމުގައި ދައްކާ ބުހުތާނު ދޮގު ވާހަކައެވެ.
ރައީސް ވިދާޅުވީ އެ ބޭފުޅުން ދައްކަނީ 2026 ވަނަ އަހަރު ދައްކަންޖެހޭ ލޯނެއްގެ ވާހަކަ ކަމަށެވެ. އެ 800 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ދެއްކުން ފަސްކުރެވޭނެ ފައިސާ ކަމަށެވެ. އަދި 500 މިލިއަން ޑޮލަރުގެ ތެރެއިން ކުރީ ސަރުކާރުން ނަގާފައިވާ ސަނީސައިޑް ބޮންޑަށް 250 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި، އެ ނުދެއްކިނަމަ ރާއްޖެ ޑީފޯލްޓްވާނެ ކަމަށެވެ.
އަދި ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ސަނީސައިޑް ބޮންޑަށް 250 މިލިއަން ޑޮލަރު ދައްކާފައި ބާކީ ފައިސާ ހަރަދުކުރީ މުވައްޒަފުންގެ މުސާރައާއި ކޮވިޑް ތެރޭގައި ކޮންމެހެން ކުރަންޖެހުނު ކަންކަން ކުރުމަށް ކަމަށެވެ. އަދި ބާކީ ފައިސާވެސް ދެއްކޭނެ ގޮތްތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ދައްކަން ޖެހުނު. އެ ނުދެއްކި ނަމަ ސަރުކާރު އޮންނާނީ ޑިފޯލްޓް ވެފައި. 500 މިލިއަން ޑޮލަރުން ކުރި ފުރަތަމަ ކަމަކީ އެ ސަނީ ސައިޑް ބޮންޑަށް 250 މިލިއަން ޑޮލަރު ދެއްކުން. ދެން ހުރި ފައިސާ ހަރަދުކުރީ އެ ވަގުތު ކޮންމެހެން ކުރަން ޖެހިފައި ހުރި ކަންކަމަށް," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރުވެސް ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ބޭނުންވަރަކަށް ފައިސާ ދޭނެ ކަމަށެވެ. ކެމްޕޭންގެ ތެރޭގައި ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ ފައިނޭންސް ކޮށްފައިވާ ކަންކަން ކަމަށާއި، 31 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުގެ ވައުދުފުޅު ވެވަޑައިގެންފައި ވާކަމަށެވެ.
މިއީ އެންމެން އެކީ ކުރިއަށްދާންވީ ވަގުތު ކަމަށާއި އެކީގައި ކުރިއަށް ދެވިއްޖެނަމަ ބޮޑުތިލަދުންމައްޗަކީ ފުދުންތެރި، ހިތްހަމަޖެހޭ އުފާވެރި އާއިލާއެއް ދިރިއުުޅެމުން އަންނަ ތަނަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.