މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިއަދު ފަށައިފި އެވެ. ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފެށިގެން ކުރިއަށްދާއިރު ވޯޓްފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 04:00 އެވެ. އެކަމަކު ގަޑިޖެހޭއިރު ކިއުގައި މީހުން ތިބި ނަމަ އެ ބަޔަކަށް ވޯޓްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި އިންތިހާބުގައި ކުޅުދުއްފުށީގައި 9 ވޯޓްފޮށި ބަހައްޓާއިރު ކުޅުދުއްފުށީގައި ވޯޓްލުމުގެ ހައްގު ލިބެނީ 5901 މީހުންނަށެވެ. ރަށުން ބޭރުން ކުޅުދުއްފުއްޓަށް ވޯޓްލުމަށް 239 މީހަކު ރަޖިސްޓްރީކޮށްފައިވެ އެވެ.
މުޅި ރާއްޖެއަށް ބަލާއިރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށް ލިބޭއިރު ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ
ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރުމަށްފަހު 30 މިނެޓު ފަހުންނެވެ. އިންތިހާބު ކާމިޔާބުކުރެވޭނީ ވޯޓުލީ މީހުންގެ 50 ޕަސެންޓުގެ އިތުރުން އެއް ވޯޓު ލިބިގެނެވެ. އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ އެންމެ މަތީ ނަތީޖާ ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ސޯލިހުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.