twitterviber whatsapp telegramfacebookyoutube instagram
9th May 2024

މާލީ ބަޔާން ގާނޫނީ މިންގަނޑުތަކަށް ނުފެތޭތީ ފަސް ރިޔާސީ ކެންޑިޑޭޓަކު ޖޫރިމަނާކޮށްފި

Dec 12, 2023

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ހުށަހެޅުއްވި މާލީ ބަޔާން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭތީ އެބޭފުޅުންނަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީން ނެރުނު ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބު 2023 ގެ ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ފަސް ކެންޑިޑޭޓަކަށާއި، އެ ފަސް ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން، ފިޔަވަޅު އަޅަން ކޮމިޝަނުގެ އިއްޔެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ފަސް ކެންޑިޑޭޓުންނަކީ:

  • އުމަރު ނަސީރު- ހ. ދޮންޖޭމުގެ
  • ހަސަން ޒަމީލް- މއ. މާވެޔޮވިލާ
  • އަހުމަދު ފާރިސް މައުމޫން- މއ. ކިނބިގަސްދޮށުގެ
  • އިލްޔާސް ލަބީބް- ބްލޫސްކައި/ ސ. ހުޅުދޫ
  • މުހައްމަދު ނާޒިމް- މ. ސީނުކަރަންކާގެ

އީސީން ބުނީ މިއިން ކޮންމެ ކެންޑިޑޭޓަކު 20،000 ރުފިޔާއިން ޖޫރިމަނާކޮށް އަދި އެ ކެންޑިޑޭޓުންގެ އެޖެންޓުން 6000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކޮމިޝަނަށް ދެއްކުމަށް ވަނީ އަންގާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރީ އަށް ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން ގާނޫނުގައިވާ މިންގަނޑާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމް އިބްރާހިމެވެ.

އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކުރައްވާފައިވާ ހަރަދުގެ ތަފުސީލާއި އިންތިހާބަށް ހަރަދު ކުރެއްވުމަށް ފައިސާ ހޯއްދެވި ގޮތުގެ ތަފުސީލު މާލީ ބަޔާނުގައި ހިމަނަންޖެހެއެވެ. އަދި ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި ބޭންކު އެކައުންޓުން ކުރައްވާފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެހެން ބޭންކު ސްޓޭޓްމަންޓާއި ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީވެސް ހުށައަޅުއްވަން ޖެހެއެވެ.

އިންތިހާބާ ބެހޭ އާއްމު ޤާނޫނަށް 2018 އަހަރު ގެނައި އިސްލާހުގައި ބުނެފައި ވަނީ، ވަކިކަމެއް ކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިހާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި، 24،000ރުފިޔާއާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެގާނޫނުގައި ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355