twitterviber whatsapp telegramfacebookyoutube instagram
9th May 2024

ނަތީޖާ ގަބޫލުކުރެއްވުމަށްފަހު ރައީސްގެ މަރުހަބާ މުއިއްޒަށް

ނަބީލާ އިސްމާޢީލް
Sep 30, 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެ، ބަލި ގަބޫލުކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އަންދާޒާ ކުރެވޭ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒެވެ. ރައީސް ސޯލިހުގެ މައްޗަށް އޭނާ ކުރި ހޯއްދެވީ، ޖުމްލަ ވޯޓުގެ 54 ޕަސެންޓު ހޯއްދަވައިގެންނެނެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑރ. މުއިއްޒައަށް މަރްހަބާ ދަންނަވަން. އިންތިހާބުގަ ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވަން. އެކުގަ މަސައްކަތްކުރި އެމްޑީޕީ އާއި އޭޕީ ގެ މެމްބަރުން އަދި އަޅުގަނޑަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު ވާދަކުރެއްވީ އެމްޑީއޭ އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ. އެހެންނަމަވެސް، ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު އެމްޑީއޭއިން ވަނީ އެ ކޯލިޝަން ރޫޅާލައި މުއިއްޒަށް ތާއީދުކުރަން ނިންމައިފަ އެވެ. ރައީސް ސޯލިހު ހޮވަން 2018 ވަނަ އަހަރު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީން ވެސް ނިންމީ އެއްވެސް ކޮޅަކަށް ތާއީދު ނުކުރުމަށެވެ.

ފުރަތަމަ ބުރުގައި ވާދަ ކުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއްވެސް ކޮޅަކަށް ތާއީދު ކުރަން ނިންމާފައި ވަނީ ހަމައެކަނި އެމްއެންޕީއިންނެވެ. އެ ޕާޓީން މިހާރު ވަނީ ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހަދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355