twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވަކި ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް އަދި ނުނިންމަން: އިލްޔާސް

ނަބީލާ އިސްމާޢީލް
Sep 11, 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އަރާނެ ކޮޅެއް ނިންމުމުގައި އަވަސް އަރުވާލާ ތެޅިފޮޅި ގަތުމުގެ ބަދަލުގައި ވިސްނުންތެރިކަމާއެކު ޕާޓީގެ ތެރޭގައި މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި ވަކި ޕާޓީއަކާއެކު ކޯލިޝަން ހެދުމަށް އަދި ނުނިންމާކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އިއްޔެ އެޕާޓިން ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ އަދި ވަކި ޕާޓީއެއް ފަހަތަށް އެރުމަށް ނުނިންމާ ކަމަށެވެ. ދެވަނަ ބުރުގައި ގުޅޭނޭ ބަޔަކު އިހްތިޔާރުކުރާނީ ވިސްނައި މަޝްވަރާކުރުމަށް ފަހު ގައުމަށާއި، ރައްޔިތުންނަށް އަދި އެ ޕާޓީއަށް އެންމެ ހެޔޮ ގޮތަކަށް ކަމަށެވެ.

"ތެޅިފޮޅިގަނެގެން ވަގުތުން ވަގުތަށް ނިކުމެ ކަންތައްތައް ނިންމުމަށް އަޅުގަނޑުމެން އުޅެގަނެގެނެއް ނުވާނެ. ވިސްނުންތެރިކަމާ އެކީ، ފަރުވާތެރިކަމާ އެކީ، އަޅުގަނޑުމެން ނިންމާ ނިންމުންތައް ނިންމަން ޖެހޭނީ. މި ރާއްޖެއަށާއި މިގައުމަށާއި، މި ޕާޓީއަށް އަދި އަޅުގަނޑުމެންގެ އުސޫލުތަކާއި ޕްރިންސިޕަލްތަކާއި ވެލިޔޫސްތައް ހިފެހެއްޓޭ ގޮތުގެ މަތިން އަޅުގަނޑުމެން ނިންމަން ޖެހޭނީ" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ގޮތް ނިންމުމަށް ފަހު މާލަހެއް ނުވެ އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

"ދިވެހި ރައްޔިތުން ކަންބޮޑުވާ ކަންތައްތައް އެބަހުރި އެމްޑީޕީ އަދި ޕީޕީއެމްގަ ވެސް." އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓްސްއިން އެއްވެސް ޕާޓީއަކަށް ދޮރެއް ބޮންދުނުކުރާ ކަމަށެވެ. އެ މީހުންނަކީ ސިޔާސީ ޕާޓީއެއް ކަމަށާއި ސިޔާސީ ޕާޓީން ސިޔާސީ ޕާޓީތަކާ ސިޔާސީ ކަންކަމުގައި މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

އިލްޔާސް ވަނީ އިންތިހާބުގައި ކާމިޔާބުވެވަޑައި ނުގަތް ނަމަވެސް ޕާޓީއާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ޕާޓީގެ ސަޕޯޓަރުންނަށް އޭނާ އިލްތިމާސް ކުރެއްވީ ޕާޓީއާއެކު ކުރިއަށް ވަޑައިގަތުމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރެއްވި އިރު އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުވެފައެެއް ނުވެ އެވެ. މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. އިލްޔާސް ތިންވަނަ ކެންޑިޑޭޓަށް ވެވަޑައިގަތީ 15,607 ވޯޓާ އެކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355