twitterviber whatsapp telegramfacebookyoutube instagram
30th April 2024

ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފި

ނަބީލާ އިސްމާޢީލް
Sep 11, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި، ބައެއް މެންބަރުންގެ ސޮއި އަނބުރާ ގެންދިޔުމާއެކު އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމާ މަޖިލިސް ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމާއި ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައްސަލަ އެޖެންޑާކުރިފަހުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުން ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

"މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް އެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފަ. މި މައްސަލަ ކުރިއަށް ދިއުމަށް 22 ބޭފުޅޫންގެ ސޮއި ބޭނުންވޭ. އެހެންވީމަ އަދި 22 ބޭފުޅުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އިތުރު އަށް މެންބަރުން ސޮއި ނުނަންގަވާނަމަ މައްސަލަ ކުރިއަށްދާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުއާ ހަވާލުކުރައްވާފަ އެވެ.

ހަސަން އަފީފު ޖަލްސާ ކުރިއަށް ގެންދަވަނިކޮށް މެންބަރުންގެ ސޮއި އަނބުރާ ގެންގޮސް އެކަން މަޖިލީހަށް އެންގުމަށް ވަގުތު ދެއްވުމަށް މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފު އެދިވަޑައިގަތުމުން ޖަލްސާ މެދުކަނޑާލި އެވެ.

ޖަލްސާ އަލުން ފައްޓަވައި ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ މެންބަރުންގެ ތެރެއިން 33 މެންބަރުން ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގައި 54 މެންބަރުން ސޮއިކުރައްވާފައިވާއިރު އީވާ މަގާމުން ވަކިކުރުމުގެ ގަރާރުގައި 50 މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެފަދަ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން މެންބަރުން 22 މެންބަރުންގެ ސޮޔާއެކު އެވެ.

މެންބަރުންގެ ސޮއި އަނބުރާ ގެނައުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވަނީ 21 މެންބަރުން ކަމަށާއި ނައިބު ރައީސް އީވާ ވަކިކުރުމުގެ ގަރާރުގައި ސޮއިކުރައްވާވައިވަނީ 17 މެންބަރުން ކަމަށްވާތީ އެ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އަފީފު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުރު ކަމެއް އެޖެންޑާކޮށްފައިނުވާތީ މަޖިލިސް ވަނީ ނިންމާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355