ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބުގެ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
އިއްޔެ އޮތް އެ ޕާޓީގެ އިންތިގާލީ ކައުންސިލުގެ ބައްދަލުވުވުމުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި އެ ވޯޓު އަންނަ ނޮވެންބަރު މަހުގެ 30ވަަނަ ދުވަހުގެ ކުރިން ނެގުމަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.
ގަރާރުގައި ބުނެފައިވަނީ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނު އަސާސީއަށް 15 އަހަރުވެފައިވާއިރު އެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްވެސް ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.
"ދެހާސް އަށްވަނަ އަހަރު ގާނޫނު އަސާސީ ތަސްދީގުވެގެން މި ހިސާބަށް އައި އިރު އެއްވެސް ޕާޓީއަކަށް މެޖޯރިޓީއެއް ލިބިފަކާއެއް ނެތް އެހެން ޕާޓީތަކަކާ އެކީ ކޯލިޝަން ހަދައިގެން ނޫން ގޮތަކަށް ރިޔާސީ އިންތިހާބުގައި" އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ފަހަރަކު ވެސް މަސައްކަތް ކުރަން ޖެހެނީ ވެރިޔަކަށް ހުންނަ މީހަކު ބާލަން ނުވަތަ ޖަލުގައި ތިބި ބަޔަކު މިނިވަން ކުރަން ކަމަށެެވެ. އެހެން ކަމުން، ރައްޔިތުންނަށް މެނިފެސްޓޯއެއްގައި ހުންނަ ކަންކަމަށް މިނިވަންކަމާއެކު ވޯޓުލުމުގެ ބާރެއް ނޯންނަ ކަމަށެވެ.
"މިއީ އަނެއްކާ ވެސް ރައްޔިތުން ކައިރިން ސާފުކޮށްލަންވީ ވަގުތު. މިހާރު މިއީ ރަނގަޅު ވަގުތުކަމުގައި އަޅުގަނޑަށް ފެނުނީ، މި ނިޒާމު މިހާރު މި އޮތް ގޮތަށް ބާއްވަން ވީތޯ ބަދަލުކުރަންވީތޯ" އޭނާ ވިދާޅުވިއެވެ.
މަޖިލީހަށް
ހުށަހެޅި ގަރާރުގައި ނޮވެމްބަރު 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހަޅާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ޑިމޮކްރެޓްސް އަށެވެ. އެހެންވެ މިވަގުތު ޕީޕީއެމް އާއި އެމްޑީޕީ ވެސް އަންނަނީ އެ ޕާޓީ އާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.
ނަމަވެސް ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ގޮވާލަނީ މިވަގުތު ބަރުލަމާނީ ނިޒާމް ގެނައުމަށެވެ. އަދި އެ ނިޒާމް ގެނައުމާއި އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރާނެ ބަޔަކާ އެކު ތިބުމަށް އެ ޕާޓީގެ މެންބަރުން ބާރު އަޅަ އެވެ.