twitterviber whatsapp telegramfacebookyoutube instagram
21st May 2024

ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް: ރައީސް

ނަބީލާ އިސްމާޢީލް
Sep 16, 2023

ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގައި ވެސް ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯހިލު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައެވެ. ރައީސް ވިދާޅުވީ، ގައުމީ ދުވަހުގެ ހަނދާންތައް ގުޅިފައި ވަނީ ދިވެހި އުންމަތުގެ ހައްގުގައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު، ކުރެއްވި ހިތްވަރުގަދަ ގައުމީ ޖިހާދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ދިވެހިންގެ ދާހިލީ އަދި ހާރިޖީ މިނިވަންކަމުގެ ދިފާއުގައި އެ ބަތަލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ދިވެހިންގެ ގައުމީ ވަހުދަތަކީ ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީހާއި ސަގާފަތުގެ އެއްގޮތްކަން ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތުގެ ކުރިބޯއްޓަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަން ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، ދިވެހި ގައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ހިމާޔަތްކޮށް ރައްކާތެރިކުރުން." ރައީސްގެ ޚިޠާބުގައި ވެއެވެ.

މިއަދު ވެސް ދިވެހިން ތިބީ އެ އަޒުމުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް ނެތް ކަމަށެވެ.

"ބައިނަލްއަގުވާމީ މުޖުތަމަޢުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގައި. ސިޔާސީ އަދި އިގްތިޞާދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި އިތުރަށް ވިދާޅުވީ މިއަދުވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުން ކަމަށެވެ.

"މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި. ދިވެހި އުންމަތަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި، ރާއްޖެއަކީ އެންމެހައި ދިވެހިންނަށާއި މި ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މެހުމާނަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދެނިވި އަމާން މުޖުތަމައެއް ކަމުގައި ލައްވާށި. އާމީން." ހިތޯބުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355