twitterviber whatsapp telegramfacebookyoutube instagram
28th April 2024

މިނުކުތީ އެޓޭކް މޯޑުގައި، ފަސް ލަނޑު ތިން ލަނޑުން ކާމިޔާބު ކުރާނަން: ރައީސް

ނަބީލާ އިސްމާޢީލް
Sep 17, 2023
2

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފުރިހަމައަށް ތައްޔާރުވެފައިވާތީ އެމްޑީޕީ މިހާރު އޮތީ "އެޓޭކް މޯޑުގައި" ކަމަށާއި، އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރާނީ "ފަސް ލަނޑު ދެ ލަނޑުން" ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރޭ ސޯސަން ޖަގަހައިގައި ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު މި އިންތިހާބު ސިފަކުރެއްވީ ފުޓްބޯޅަ މެޗެއްގެ ގޮތުގައެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ ކަމަށާއި އަދި ދެވަނަ ހާފުގައި ނަތީޖާ ކަށަވަރުކަމާއެކު ބަދަލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއި ދެވަނަ ބުރަށް ނިކުންނައިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިހާރު ހުޅުވާލާފައި އޮތް ރީރަޖިސްޓްރީ މަރުހަލާ ރަނގަޅަށް ކުރިއަށް ގެންދިއުން ކަމަށެވެ.

ރީރަޖިސްޓްރީ މަރުހަލާ ރަނގަޅަށް ކުރިއަށް ގެންދިއުމަށްފަހު ދެން އަވަހަށް ކުރިއަށް ގެންދަންވީ ދޮރުން ދޮރަށް ހިނގާ ވީހާވެސް ގާތުން މީހުންނާ ބައްދަލުކުރުން ކަމަށެވެ. މިއިންތިހާބު ގެއްލިއްޖެނަމަ ދެން ގައުމަށް ވެގެން ހިނގައިދާނެ ގޮތް ރައްޔިތުންނަށް ކިޔައިދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"ހާފް ޓައިމްގައި އަޅުގަނޑުމެން ޗޭންޖު ރޫމަށް ވަދެ ރާވާލައިފިން. ދެވަނަ ބުރު އަޅުގަނޑުމެން ކުޅޭނެ ގޮތް އިންތިޒާމުކޮށްލައިފިން. ބައެއް ފަހަރު ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުވެސް ކޮށްލައިފިން. ބުންވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން. މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަކުރެއްވިއްޔާ ގޯލް ދެން ޖަހާނީ. ގޯލް ދެން ޖަހާނީ. ގޯލަކަށް ފަހު ގޯލެއް. ގޯލަކަށް ފަހު ގޯލެއް އަޅުގަނޑުމެން ޖަހާނީ،" ވަރަށް ޖޯޝުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެވަނަ ހާފުގައި ނުކުމެ ތިނެއް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހާ ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދެން ގޯލު ޖަހާނީ، ގޯލު ޖަހާނީ. ގޯލަކަށް ފަހު ގޯލެއް އަޅުގަނޑުމެން ޖަހާނީ،" ރައީސް ވިދާޅުވިއެވެ.

އިދިކޮޅު ކެނޑިޑޭޓްގެ ބައެއް ވައުދުތަކަށްވެސް ރައީސް ރޭ ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރުމަށާއި ހިޔާ ފްލެޓްތަކާއި ސަރުކާރު ކުންފުނިތަކުން އެޅި ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ ރައީސް ވަނީ އެއީ ފުއްދައިދެވިދާނެ ވައުދުތަކެއްތޯ ސުވާލު އުފައްދަވާފަ އެވެ.

"ބަނގުރޫޓްވެފައި އޮތް ގައުމެއްގައި އެކަން ކުރާނީ ކިހިނެއްތޯ؟ އެއް ފަރާތުން މިބުނަނީ ބަނގުރޫޓް ވެފައޭ. އަނެއް ފަރާތުން އެކިއެކި މުއައްސަސާތަކުގެ މުސާރަތައް ދެގުނަ ކުރާ ވާހަކަ. އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީގައި ކަނޑާލާ ވާހަކަ. މިއީ ކުރެވޭނެ ކަމެއްތޯ؟ މިކަމާ ދޭތެރޭ އަޅުގަނޑުމެން ވިސްނާ މިކަންތައްތައް ހަނދާންކޮށްދޭން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355