މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފިއެވެ.
ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސްއިން ބޮޑު ދެ ޕާޓީއާ ވެސް މަޝްވަރާ ކުރިއެވެ. އެގޮތުން، އިދިކޮޅު ޕީޕީއެމަށް ވަނީ ސަރުކާރުގެ ހިއްސާ ދޭގޮތަށް ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ޝަރުތުކޮށްފައެވެ. އަދި، ވެރިކަން ކުރާ އެމްޑީޕީއަށް ވަނީ މި މަހު 28ގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށް ޝަރުތުކޮށްފައެވެ.
އެކަމަކު، ރޭ 12:00 އަށް ދެ ޕާޓީއަށް ދިން މުއްދަތު ހަމަވިއިރު، އެއްވެސް ޕާޓީއަކުން ޑިމޮކްރެޓްސްގެ ޝަރުތުތަކަށް އެއްބަސްވެފައެއް ނުވެއެވެ. އެހެންވެ، ޑިމޮކްރެޓްސްއިން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހަދާށެވެ.
ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ކަމާގުޅޭ ގަރާރު މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ. ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންގެ ވެސް ތާއީދާ އެކީގައި އެ ގަރާރު މަޖިލިހުން ފާސް ކުރީ 35 މެމްބަރުންގެ އިއްތިފާގުންނެވެ.
ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ އިތުރުން، ޖުމްހޫރީ ޕާޓީއާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވެސް ނިންމަވާފައިވަނީ ކޯލިޝަން ނުހަދާށެވެ. މިހާތަނަށް ދެވަނަ ބުރަށް ކޯލިޝަނެއް ހަދާފައިވަނީ އެމްއެންޕީން އެކަންޏެވެ. ފުރަތަމަ ބުރުގައި 1،906 ވޯޓު ލިބުނު އެމްއެންޕީން ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ނިންމައި، ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނެތް އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.