twitterviber whatsapp telegramfacebookyoutube instagram
5th May 2024

ރައީސް ސޯލިޙާއި ޑރ. މުއިއްޒުގެ ތަރައްގީގެ ފަލްސަފާއަށް އަވަސް ކަޅިއެއް!

Sep 29, 2023
6
ލިޔުނީ: ހާޝިމް އަބޫބަކުރު

ރިޔާސީ އިންތިޚާބުގެ ރޭސް ނިމުމަކާ ނުހަނު ގާތްވެފައިވާ އިރު ތަރައްޤީގެ މަގުޗާޓުތައް އެކުލަވައިލުމުގައި ކެންޑިޑޭޓުންގެ ތަސައްވުރު މިވަނީ ފޯރިގަދަ ޖަލްސާތަކުގައި ރައްޔިތުންގެ ކުރިމަތީ ކުރަހައި ނިންމާފައެވެ. ގެންނާން ހުރި ތަރައްޤީގެ ވައުދު ލިސްޓުތައް ފަތިފަށްޗަށް އަމުނާލެވިފައިވާ އިރު ކެންޑިޑޭޓުން ތަމުސީލުކުރާ ޕާޓީތަކުގެ ސިޔާސަތުތަކާއި ފިކުރު ބަރޯސާވާ އަސާސްތަކަށް ނަޒަރު ހިންގަމުން، އެ ވައުދުތަކާ މެދު ތަދުބީރުކުރާން ޖެހެއެވެ. ވޯޓުލުމުގެ ހައްގު އަދާކުރުމުގެ ކުރިން، ޤައުމުގެ ތަރައްޤީގެ ހުންގާނު ހަވާލުކުރާން މިއުޅޭ މާލިމީންގެ ވިސްނުން ދިރާސާކޮށް އެންމެ ފައިދާ ހުރިގޮތެއް ކަނޑައަޅާން ޖެހެއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ކެންޕޭނު ކުރައްވަމުން ގެންދަވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ނިސްބަތްވެ ވަޑައިގަންނަވާ އެމް.ޑީ.ޕީ ގެ ކޯލިޝަންގެ ފިކުރަކީ ލާމަރުކަޒީ ފިކުރެވެ. އެއީ މަރުކަޒީ ބާރުތައް ރާއްޖޭގެ ކަންކޮޅުތަކަށް ދޫކޮށް، ސަރަހައްދީ ބާރުވެރިކަން އިތުރުކުރުމުގެ ސިޔާސަތެވެ. ރައީސް ޞާލިހްގެ 2018 ވަނަ އަހަރުގެ ކެންޕޭނުގެ މޫނުމަތީ މަންޒަރަކީ ވެސް ޖަޒީރާ ރާއްޖެއެވެ. އަދި ރައީސް ޞާލިހުގެ ޒަމާޢަތުގައި ވެސް ފެނިގެން ދިޔައީ އަތޮޅުތެރޭގެ ތަރައްޤީއަށް ކުދި ރަށްރަށުގައި ވެސް ތަރައްޤީގެ ޕްރޮޖެކްޓުތައް ހިންގަމުން ދިޔަތަނެވެ.

މިއާ ޚިލާފަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ތަމްސީލުކުރައްވަވާ ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލިޝަނަކީ އަބަދުވެސް މަރުކަޒީ ފަލްސަފާއެއް ގެންގުޅެމުން އަންނަ ކޯލިޝަނެކެވެ. 2013 އިން 2018 އަށް އޮތް ޕީ.ޕީ.އެމް. ވެރިކަމުގައި ރައީސް ޔާމީންގެ ތަސައްވުރު ވެސް ބައްޓަންކުރެއްވެވީ ޖުމުލަކޮށް މަރުކަޒީ ތަރައްޤީއަށް އިސްކަން ދެއްވައިގެންނެވެ. އަތޮޅުތެރޭގެ ކަންކަން އެއްފަރާތްކުރައްވައި، ވެރިކަން ކުރާ މާލޭ ސަރައްހައްދުގައި ކާމިޔާބުކަމާއެކު ހިންގެވި މެގަ ޕްރޮޖެކްޓުތަކަކީ މިކަމުގެ ހެއްކެކެވެ. ޑރ. މުއިއްޒުގެ 2023 ގެ ކެންޕޭނު ފެއްޓެވުމުގެ ގޮތުން ހދ. ނޮޅިވަރަމުގައި ވާހަކަފުޅު ދައްކަވަމުން "އާބާދީ ބޮޑެތި ރަށްތައް ދޫކޮށްލައިފައި އެއަށްވުރެ ކުދި ރަށްތަކުގައި އެކަން ވުމުން ]ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުން[ ތަރުތީބުގައި އޮޅުމެއް އެބައަރާ" ކަމުގައި ވިދާޅުވުމުން ވެސް އެމަނިކުފާނުގެ މަރުކަޒީ ފަލްސަފާ ހާމަވެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މި ވާހަކަފުޅާ ގުޅިގެން އާންމުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ކުދިރަށްތައް ވެސް ތަރައްޤީކުރައްވާނެ ކަމަށް ފަހުން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރިޔާސީ ކެންޕޭނުގައި ޑރ. މުއިއްޒު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން ދެއްވި ތަޤުރީރުގައި އެމަނިކުފާނުގެ ވެރިކަމެއްގައި ކުޅުދުއްފުށި ސިޓީ ވެސް ތަރައްޤީކުރައްވާނެ ކަމަށް ބާރުދެއްވުމުގެ ގޮތުން ވާހަކަފުޅު ފެއްޓެވީ، ޕީ.ޕީ.އެމް.ގެ ކުރީގެ ވެރިކަމުގައި ކުޅުދުއްފުށްޓަކީ ރައީސް ޔާމީން ގިނަ ޕްރޮޖެކްޓުތަކެއް ހިންގެވި ރަށެއްކަމުގައި ވިދާޅުވަމުންނެވެ.

"މިރަށަކީ އެމަނިކުފާނުގެ ]ރައީސް ޔާމީންގެ[ ތަރައްގީގެ ގިނަގުނަ މަސައްކަތްތަކެއް ތަންފީޒު ކޮއްދެއްވި ރަށެއް. އެއާރޕޯޓް ގެ މަސައްކަތަކީ އަޅުގަނޑުމެންނަށް ފާހަގަ ވެގެން ގޮސްފައިވާ ކަމެއް. އެފަދަ ގިނަ މަސައްކަތްތަކެއް ކުޅުދުއްފުށީގައި ވަނީ އެމަނިކުފާނު ކުރައްވާފަ." - ޑރ. މުއިއްޒު

އެހެން ނަމަވެސް އެއަރޕޯޓު ޕްރޮޖެކްޓު ފިޔަވާ ކުޅުދުއްފުށީގައި ޕީ.ޕީ.އެމް.ގެ ސަރުކާރުން ހިންގި އިތުރު ޕްރޮޖެކްޓެއްގެ ނަމެއް ޑރ. މުއިއްޒު ވިދާޅެއްނުވެއެވެ.

ރައީސް ޞާލިހް ކުޅުދުއްފުށްޓަށް ވަޑައިގެން ދެއްވި ޚިތާބު ފެއްޓެވީ އެމް.ޑީ.ޕީ.ގެ ލާމަރުކަޒީ ސިޔާސަތު ތަކުރާރުކުރައްވަމުންނެވެ. ބާރުތައް އަދިވެސް އިތުރަށް ދޫކޮށް މިހާރު ކުރިއަށްދާ ތަރައްޤީގެ ޕްރޮޖެކްޓުތަކުގެ އިތުރުން ވެސް ގިނަ ޕްރޮޖެކްޓުތަކެއް ހިންގަވާނެކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނުގެ މި ހިނގާ ވެރިކަމުގައި ކުޅުދުއްފުށީގައި މަގުހެދުމާއި، ހައުސިން، ބަނދަރު އަދި ހޮސްޕިޓަލް ތަރައްޤީކުރުމުގެ ޕްރޮޖެކްޓު ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މަގު ހެދުން ފަދަ ޕްރޮޖެކްޓުތަކުގެ ދުވެލި ލަސްކަމުގެ ޝަކުވާ ގިނަ ބަޔަކުދަނީ ކުރަމުންނެވެ.

ކުޅުދުއްފުށްޓަށް ވެފައިވާ ވައުދުތަކަށް ބަލައިލާ އިރު މި ސިޓީގެ ހުރިހާ ބޮޑެތިމަގެއްގައި ތާރު އަޅައި އަދި ހަނި ގޯޅިތަކުގައި ގައު އަތުރައިގެން ރަށުގެ ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހައްދަވައިދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ. ޑރ. މުއިއްޒެކޭ އެއްގޮތަށް ރައީސް ޞާލިހު ވެސް ވައުދު ވެވަޑައިގެންފައިވަނީ ރަށުގެ ހުރިހާ މަގެއް ވެސް ކުރިއަށް އޮތް ދައުރުގައި ތަރައްގީކޮށް ނިންމާ ދޭނެކަމުގައެވެ. ރައީސް ޞާލިހުގެ މި ދައުރުގައި ވެސް ފެންހިންދާ ނިޒާމާއި، އަލިފާނުގެ ހާދިސާތައް ކޮންޓްރޯލުކުރުމަށް ފެންފޯރުކޮށްދޭ ނިޒާމާއެކު ތާރުއަޅައިގެން ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ހޮސްޕިޓަލުގެ ތަރައްގީއާ ގުޅޭގޮތުން ޑރ. މުއިއްޒު ވެވަޑައިގަތީ ހުރިހާ ބޮޑެތި ބަލިތަކުގެ ވަށާޖެހޭ ފަރުވާ ލިބޭފަދަ ފެންވަރުގެ ހޮސްޕިޓަލެއް ކުޅުދުއްފުށީގައި ގާއިމްކޮށްދޭނެކަމުގެ ވައުދެވެ. އަދި ޕްރިވެންޓިވް ކެއަރ އަށް އަހައްމިޔަތުކަން ދެއްވުމުގެ ގޮތުން 24 ގަޑިއިރު ޚިދުމަތްދޭ ދަމަނަވެއްޓެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ވައުދެވެ.

މި ވައުދުތަކަށް ބަލައިލާއިރު ރައީސް ޞާލިހުގެ މި ދައުރުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ޓާޝަރީ ފެންވަރުގެ ގިނަ ޚިދުމަތްތަކެއް އަލަށް ދޭން ފަށާފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުޅުދުއްފުށީގައި 100 އެނދުގެ އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް އޯގަސްޓް 2023 ގައި ޗައިނާގެ ކުންފުންޏަކާއެކު ސޮއިކުރެވިފައިވާކަން ފާހަގަކުރަންޖެހެއެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް ސެޕްޓެމްބަރ 2022 ގައި ކޮންޓްރެކްޓް ކުރެވިފައިވާކަން ވެސް ފާހަގަކުރެވެއެވެ. އެހެންކަމުން ޑރ. މުއިއްޒުގެ މި ވައުދުތަކަކީ މިހާރުވެސް ފެށިފައިވާ ޕްރޮޖެކްޓްތަކަކަށް ވެވަޑައިގެންފައިވާ ވައުދުތަކެކެވެ.

ސިއްހީދާއިރާއާ ގުޅޭގޮތުން އެމަނިކުފާނުގެ އެންމެ ހައިރާންކުރުވަނިވި ވައުދަކީ ކުޅުދުއްފުށީގައި ޤާއިމުކުރާ ހޮސްޕިޓަލްގެ މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވީހާވެސް ގިނަ މުއްޒަފުންނަކީ ކުޅުދުއްފުށްޓާއި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދިވެހި ރައްޔިތުންނަށް ހެދުމުގެ ވައުދެވެ. ސިއްހީދާއިރާއިން ދިވެހީން ބިނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން ދިއުމުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާބާދީއަށް ބަލާއިރު މިހާރު ވެސް ބޮޑު އިންސައްތައެއްގެ މުވައްޒަފުންނަކީ މި ސިޓީއަށް ނިސްބަތްވާ މުވައްޒަފުންކަމަށް ވާއިރު، ކުޅުދުއްފުއްޓާއި މި ސަރަހައްދުގެ މަސައްކަތްތެރީންނަށް ކޭއާރުއެޗް އިން ވަޒީފާ ދިނުމުގައި އިސްކަން ދެއްވާނެ ކަމަށް ވައުދުވުމުން، ހޮސްޕިޓަލުގެ މަސައްކަތެރީންގެ އާބާދީގެ ތަފުސީލުތައް ރަނގަޅަށް ލިބިވަޑައިގެންފައިނުވާކަމުގެ ބެލެވެއެވެ

ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ޞާލިހް ވައުދު ވެވަޑައިގަންނަވަނީ މިހާރު އިމާރާތް ކުރަމުންދާ 400 ޔުނިޓުގެ އިތުރަށް 1000 ހައުސިން ޔުނިޓު އެޅުއްވުމަށެވެ. ޑރ. މުއިއްޒު ވައުދުވެވަޑައިގަންނަވަނީ 2000 ހައުސިން ޔުނިޓު އެޅުއްވުމަށެވެ. އަދި މިހާރު ހިނގަމުންދާ ހައުސިން ޔުނިޓު ޕްރޮޖެކްޓު ހުއްޓާނުލައްވާ ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ފެއްޓެވި ރޯހައުސް ޕްރޮޖެކްޓު އެއާ ޖެހިގެން އައި ރައީސް ވަހީދާއި ރައީސް ޔާމީނުގެ ވެރިކަމުގައި ޑރ.މުއިއްޒު ހައުސިން މިނިސްޓަރއަކަށް ހުންނަވައިގެން ކުރިއަށް ގެންދަވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީން ފެއްޓެވި އެއަރޕޯޓު ޕްރޮޖެކްޓު އިތުރަށް ތަރައްގީކުރެއްވުމަށްޓަކައި ޕެސިންޖަރުންނަށް ޚިދުމަތް ދިނުމަށްހުރި އިތުރު ފެސިލިޓީތަކެއް ޤާއިމުކުރައްވެއްވުމަށް ސަމާލުކަން ދެއްވާނެކަމަށް ޑރ. މުއިއްޒު ވައުދުވަޑައިގެންފައިވާ އިރު އެއަރޕޯޓު ތަރައްގީގެ ވައުދެއް ރައީސް ޞާލިހު ވެވަޑައިގެންފައެއްނުވެއެވެ. އެހެންނަމަވެސް އެއަރޕޯޓުގެ އުތުރުން އޮންނަ ބިން ބޭނުންކުރެއްވޭގޮތް ހެއްދެވުމަކީ ދެ ކެންޑިޑޭޓުންގެ ގެ ވެސް ވައުދެކެވެ.

ފަތުރުވެރިކަމަށް ބަލައިލާއިރު ރައީސް ޞާލިހު ވައުދުވެ ވަޑައިގެންފައިވަނީ މި ސަރަހައްދުގައި 5000 އެނދު ތަރައްޤީކޮށް، ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި މި ސަރަހައްދަށް ވަކިން ހާއްސަ ފައިނޭންޝަލް ޕެކޭޖެއް ގާއިމްކޮށް މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފަސޭހައިން ފައިސާ ލިބޭގޮތަށް ހަމަޖައްސައިދިނުމަށެވެ. އަދި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި މިސަރަހައްދުގައި ޔޮޓްމެރީނާ އާއި ކުރޫޒް ލައިނަރތަކަށް ޚިދުމަތްދޭގޮތަށް ކުޅުދުއްފުށީގައި ފެސިލިޓީތައް ގާއިމްކޮށްދޭނެކަމަށެވެ. މިއާ ޚިލާފަށް ޑރ. މުއިއްޒުގެ ވައުދުގައި ހަމައެކަނި ވިދާޅުވެފައިވަނީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ބޭނުންވާ އެނދުތައް ހދ. އަތޮޅަށް ގެނެސްދޭނެކަމަށެވެ. އަދި ހދ. ކޭލަކުނަކީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އިގްތިސޯދީގޮތުން ފައިދާވާ ތަނަކަށް ހެދުމަށްޓަކައި އެ ރަށުގެ ވެށި ހިމާޔަތްކޮށް އިކޯ ޓޫރިޒަމަށް ފައްކާ ކުރައްވާނެކަމަށެވެ.

ޑރ. މުއިއްޒުގެ ކުޅުދުއްފުށީގެ ތަސައްވުރުގައި ވަކިވަކި ތަފުސީލުދެއްވުމެއް ނެތި ދެން ވެވަޑައިގެންފައިވަނީ ކުޅުދުއްފުށްޓަށް ދިމާވެފައި ކުނީގެ މައްސަލަ ފުރިހަމަގޮތެއްގައި ހައްލުކޮށްދެއްވާނެ ކަމުގެ ވައުދެވެ. މީގެ އިތުރުން ކުޅިވަރުގެ ރޮނގުން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް ބޭނުންވެފައިވާ ހުރިހާ ވަސީލަތްތައް އެ ފަރާތްތަކުގެ މަޝްވަރާއާއެކު ބައްޓަންކޮށްގެން ގާއިމުކޮށްދެއްވާނެކަމުގެ ވައުދާއި ރޭސިން ޓްރެކްއެއް ގާއިމުކޮށްދެއްވާނެ ކަމުގެ ވައުދެވެ.

ރައީސް ޞާލިހުގެ ލިސްޓުގައި ދެންއޮތީ ހިއްކެން އޮތް އެންމެ ބޮޑު އޭރިއާއެއް ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ތެރެއިން ކުޅުދުއްފުށީގެ ބިން ބޮޑުކުރުމުގެ ވައުދެވެ. އަދި ރާއްޖޭގެ އެތެރޭގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ލޯކަލް ކޮމާޝަލް ހާބަރެއް ޤާއިމުކޮށް އިންޑަސްޓްރިއަލް ރަށެއްގެގޮތުގައި ހދ. ކުނބުރުދޫ ތަރައްގީކޮށް ކުޅުދުއްފުށީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ސްޓޯރޭޖާއި ބޯޓު ބިލްޑިންގ އާއި ޕެކޭޖިންގ ފެސިލިޓީތައް ޤާއިމުކުރުމުގެ ވައުދެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ކޮންވެންޝަނަލް ސެންޓަރެއް ތަރއްގީ ކުރުމުގެ އިތުރުން ކުޅުދުއްފުށީގެ ރައްޔިތުންގެ އެދުމުގެ މަތީން ހދ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމުގެ ވައުދެވެ.

ދެ ކެންޑިޑޭޓުންގެ ވައުދުތަކަށް ބަލާއިރު، ގިނަ ވައުދުތަކެއް ތަފުސީލުކޮށް ވެވަޑައިގެންފައިވަނީ ރައީސް ޞާލިހުކަން ފާހަގަކުރެވެއެވެ. އެގޮތުން ފަތުރުވެރިކަމާއި ގެސްޓު ހައުސް ވިޔަފާރީގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރިއެރުވުމަށް ހިންގަވާނެ ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް މިހާރު ވެސް ވިދާޅުވެދެއްވާފައިވާކަން ފާހަގަކުރެވެއެވެ. މިސަރަހައްދުގައި މިހާރު ހިންގަމުންދާ ޕްރޮޖެކްޓުތަކާ ގުޅިލާމެހިގެން ދާގޮތަށް އިތުރު ޕްރޮޖެކްޓުތައް ރަނގަޅަށް ތަރުތީބުކުރައްވާފައިވަނީ ވެސް ރައީސް ޞާލިހުގެ ވައުދުތަކުގައިކަން ފާހަގަކުރެވެއެވެ. މިއާ ޚިލާފަށް މިހާރު ހިންގަމުންދާ ޕްރޮޖެކްޓުތައްވެސް ވައުދުގެ ގޮތުގައި ވެވަޑައިގެންފައިވާކަން ޑރ. މުއިއްޒުގެ ލިސްޓުން ފާހަގަކުރެވެއެވެ. އަދި ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ތަރުތީބުކުރެވިފައި ނުވާކަން ޓުއަރިޒަމްގެ އެނދުގެ އަދަދު ކަނޑައަޅާނެ މިންވަރު ހާމަނުކުރެއްވުމުންނާއި ކުޅިވަރުގެ ދާއިރާގެ ޕްރޮޖެކްޓްތަކުގެ ތަފުސީލު ހާމަނުކުރެއްވުމުން އެނގިގެންދެއެވެ.

މި ކަންކަމަށް ބަލާއިރު ކެންޕޭނު ވައުދުތަކަށް ބޮޑަށް ދިރާސާކުރައްވައި، ހިސާބުޖައްސަވާފައި ހުރީ ރައީސް ޞާލިހުކަން ފާހަގަވެއެވެ. އެއީ އެމަނިކުފާނުގެ ޓީމުން މިހާރުވެސް ސަރުކާރު ހިންގެވުމުގައި އުޅުއްވަމުން ގެންދަވާތީ އާއި އެމްޑީޕީ އަކީ އުފެދުނީއްސުރެ ވެސް ލާމަރުކަޒީ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތްކުރާ ޕާޓީއަކަށް ވާތީ، ތަފާސްހިސާބުތަކުގެ އަލީގައި އެ މަސައްކަތްކުރެއްވުމަށް ފަސޭހަވެފައި ވާތީކަމުގައި ވުންގާތެވެ. މިއާ ޚިލާފަށް ޑރ.މުއިއްޒު ކެންޕޭނަށް ނުކުމެ ވަޑައިގެންފައިވަނީ، ރައީސް ޔާމީނަށް މި އިންތިޚާބުގައި ވާދަކުރެއްވުމުގެ މަގު ބަންދުވުމުން އިދިކޮޅު ކޯލިޝަނުގެތެރޭގައި ހިސާބަކަށް އުފެދުނު ހަމަނުޖެހުންތަކަކަށް ފަހު އެންމެ ފަހު ވަގުތު ވަރަށް ހަނިގޮތަކަށްކަމަށް ވާތީ، އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ ތަރައްޤީގެ ޕްރޮޖެކްޓުތަކަށް ދިރާސާކުރާނެ ވަގުތު ލިބިފައިނެތުންކަމުގައި ވެދާނެއެވެ. އަދި އިދިކޮޅު ކޯލިޝަންގެ ކެންޕޭނުގެ މައިގަނޑު ފޯކަސްއޮތީ އަތޮޅުތެރޭގެ ތަރައްޤީއަށް ވުރެ ރައީސް ޔާމީން މިނިވަންކުރުމަށާއި އިންޑިޔާގެ މިލިޓަރީ ބޭރުކުރަންކަމަށް ބުނެ ކުރަމުންދާ ކެންޕޭނަށްކަމުގައިވުން ގާތެވެ.

އެހެންކަމުން ކެންޕޭނުގައި ވެފައިވާ ވައުދުތަކާއި ތަމުސީލުކުރާ ޕާޓީގެ އަސާސީ ފިކުރަށް ވިސްނައި، ކުޅުދުއްފުށްޓާއި މި ސަރަހައްދުގެ ތަރައްގީއަށް އެންމެ ހެޔޮވަރު ލިބާހެއް ފަހާފައިވަނީ ކޮން ކެންޑިޑޭޓެއްކަން ކަނޑައެޅުމަށް ފަހު، ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ވޯޓުދިމުނުގެ ހައްގު ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންވެސް އަދާކުރަން އެބަޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355