ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އަދި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސް ގުޅިގެން 'ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް' ނަމުގައި ކުރިޔަށް ގެންދިޔަ ނާރސިންގ ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ބުރާސްފަތިދުވަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެކޮށްދެއްވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަހުމަދު ދާއޫދު (ޑޭވިޑް) އެވެ. ޝަރަފުވެރި މެހެމާނުގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިން އަދި ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓް ޓީމުން ވަނީ ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައެވެ.
58 ބައިވެރިންނާއެކު ކުރިއަށް ގެންދެވުނު މި ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ 28 ސެޕްޓެމްބަރު 2023 ވީ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ކުޅުދުއްފުށި ސިޓީ ކެމްޕަސް ހޯލްގައެވެ. މިއީ ރާއްޖެތެރޭގައި ބޭއްވުނު ނަރުހުންގެ ފުރަތަމަ ކޮންފަރެންސެވެ.
'ޓްރެންޑްސް އިން ނަރސިންގ ޕްރޮފެޝަން: ޗެލެންޖަސް، އިނޮވޭޝަން އެންޑް އެޑިއުކޭޝަން' ތީމެއްގެ ގޮތުގައި ކަނޑައަޅައިގެން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގެ މަގުސަދަކީ ނަރސިންގ ޕްރޮފެޝަނަށް އަދި ދުނިޔޭގައި މި ހިދުމަތަށް އަންނަ ބަދަލުތަކަށް މި ސަރަހައްދުގެ ނަރުހުންގެ ހޭލުންތެރިކޮށް، މި ފަދަ ޕްލެޓްފޯރމެއްގެ ތެރެއިން ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ މަޝްވަރާކުރުންކަމަށް ކޭއާރުއެޗް މައުލޫމާތުދެ އެވެ.
އަދި މީގެ އިތުރުން ނަރުހުންގެ ހިދުމަތާއި ގުޅުން ހުރި ދިރާސީ ކަރުދާސްތައް ހުށައެޅުމާއި ހުޅުވާލެވިފައިވާ މަޝްވަރާގެ މާހައުލެއް ހުޅުވާލަދިނުން ހިމެނެ އެވެ.
މި ކޮންފަރެންސްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ތަޖުރިބާކާރު އެތައް ފަރާތެއް ބައިވެރިވެވަޑައިގަންނަވާފައިވާއިރު، ނެދަލެންޑްސްގެ އެމްސްޓަރޑަމް ޔުނިވަރސިޓީގެ ސާރޖަރީ ޑިޕާރޓްމަންޓްގެ ޕްރޮފެސަރ ޑަރކް އުބިންކް ވަނީ 'ހައުޓު ޕްރެކްޓިސް އެވިޑެންސް ބޭސްޑް ޕްރެކްޓިސް ޓްމޯރޯ' ގެ ނަމުގައި ސެޝަން އެއް ނަންގަވައިދެއްވާފައެވެ. މީގެ އިތުރުން ވިލާ ކޮލެޖްގެ ނަރސިންގ ފެކަލްޓީގެ ޑީން، ޑރ. އަސްމާ އިބްރާހިމް 'ނަރސިންގ އޭސް އަ ޕްރޮފެޝަން (ޓްރެންޑްސް)' ގެ ނަމުގައި ސެޝަން އެއް ކުރިއަށްގެންދެވިއެވެ.
އަދި މީގެ އިތުރުން ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސްގެ (ސީ.އެން.ވީ) ފަރާތުންވެސް ވަނީ ސެޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސްގެ (ސީ.އެން.ވީ) ގެ ރައީސާ ނަޒީރާ ނަޖީބު އަދި މީޑިއާ ކޯޑިނޭޓަރ މަރިޔަމް ނިޔާން ވަނީ ސެޝަން ނަންގަވައިދެއްވި އެވެ. އިފެކްޓިވް ކޮމިއުނިކޭޝަން ގެ ނަމުގައި އުރީދޫގެ ސީނިއަރ މެނޭޖަރ ޑިސްޓްރިބިއުޝަން، އަބްދުލް މުހައިމިން އިބްރާހިމާއި އެމްއެންޔޫ ކުޅުދުއްފުށި ހޮސްޕިޓަލްގެ ނަރުހުން ސެޝަންތައް ކުރިއަށް ގެންގޮސް ކަރުދާސް ހުށައަޅާފައެވެ.