twitterviber whatsapp telegramfacebookyoutube instagram
9th May 2024

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެމިހުންނަވާނަން: ރައީސް

ނަބީލާ އިސްމާޢީލް
Oct 2, 2023

ރާއްޖެއަށް ޒިންމާދާރު، އިދިކޮޅު ޕާޓީއެއް މުހިއްމު ކަމަށާއި ޑިމޮކްރަސީ ކުރިއެރުވުމުގައި ކުރަން ޖެހޭ އެ މަސައްކަތުގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލާ ގުޅިގެން ވިދާޅުވީ އެމަނިކުފާނު ދެމިހުންނަވާނީ އެމްޑީޕީގައި ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރަން އަދިވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށާއި އެމްޑީޕީގެ ތެރެއިން އެ މަސައްކަތް ކުރައްވާނެ ކަަމަށެވެ.

"އެ މަނިކުފާނު ވިދާޅުވީ މިހާރު ފޯކަސް ކުރައްވަނީ އެމްޑީޕީއަކީ ޒިންމާދާރު ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެދުމުގެ މަސައްކަތް ކަމަށް. އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސް ކަންނޭނގެ ތަރުތީބު ކޮށްލަން. އެކަމަކު، އަޅުގަނޑަށް ފާހަގަވީ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުންކަން. ހަމަޖެހުން ގާއިމް ކޮށްދެވުނުކަން،" ރައީސް ވިދާޅުވި އެވެ.

މި ވަގުތުގެ މަސައްކަތަކީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މަގާމަކަށް ވުރެ ބޮޑަށް މި ވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ޕާޓީ އެއްކޮށް ހިފެހެއްޓުމަށްޓަކައި. ޔުނައިޓް ކުރުމަށްޓަކައި. އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަނަކަށް ހެދުމަށްޓަކައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑުން އަރައިގަތުމާއި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި ކޮވިޑުން އަރައިގަތުމަކީ އެ މަނިކުފާނުގެ ކާމިޔާބީއެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވެލެއްވި ގޮތަށް ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސަށް ހުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާނެކަން މީގެ ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށާއި ދެމިހުންނަވާނީ ވެސް އެ ސްޓޭންޑުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ނިޒާމާ ގުޅޭ ކަންކަން ނިންމަވަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355