ދިވެހި ގައުމަށް ހިދުމަތް ކުރެއްވުމަށް އެ މަނިކުފާނަށް ފުރުސަތު ދެއްވީ ރައްޔިތުން ކަމަށާއި އެހެންކަމުން އެ ރައްޔިތުން ފިޔަވާ އިތުރު ބައެއްގެ ބާރެއް އެމަނިކުފާންގެ މައްޗަށް ނުހިނގާނެ ކަމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ އުފާ ފާޅުކުރަން ޕީޕީއެމް/ޕީއެންސީން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ މަގާމުތަކަށް ލައްވާނީ ފުރިހަމަ އިތުބާރު އޮތް ބޭފުޅުން ކަމަށާއި އެމަަނިކުފާނު ވިދާޅުވާ ގޮތަށް މަސައްކަތްކުރައްވާ ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނަށް ފަހު ބަސް ވިދާޅުވާނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ހުދު އެމަނިކުފާނު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވާނީ މި ސަރުކާރު ފަދައިން އެހެން ބައެއްގެ ނުފޫޒުގެ ދަށުވެގެން ނޫން ކަމަށެވެ.
"ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރީ. އަޅުގަނޑަކީ ރައްޔިތުންގެ ހާދިމެއް. އެހެންވީމައި ރައްޔިތުންގެ އަތުގައި ބާރުއޮތީ. މާތްﷲ ފިޔަވާ، ރައްޔިތުން އަޅުގަނޑަށް ވޯޓުން ދިން ބާރެއް އޮތީ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތައް ފިޔަވާ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ދީފައިވާ ވަޒީފާތައް ވެސް އަތުނުލާނެ ކަމަށް ވިދާޅުވިއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާ މިހާރުގެ ސަރުކާރުން ޒިންމާދާރުކޮށް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ކަމަށާއި އެހެންވީމާ ނޮވެމްބަރު 17 ގައި އާ ސަރުކާރުގެ މަސައްކަތް ފެށޭނީ ބާރު ސްޕީޑުގައި ކަަމަށް ވެސް މުއިއްޒު ރޭ ވިދާޅުވި އެވެ.
"އަަޅުގަނޑު އެދެން އެހައިތަނާ ޖެހެންދެން ވެސް އަދި އޭގެ ފަހުން ވެސް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އެއްބާރުލުން ދެއްވަން. އަޅުގަނޑަށް ޔަގީން އެ އެއްބާރުލުން ދެއްވާނެކަން ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބެވީ އިންތިހާބުކުރެވިފައިވާ ބޭފުޅުން. އެ ބޭފުޅުން ވެސް ބޭނުންވެލައްވާނެ ޑިމޮކްރެޓިކް ޕްރޮސެސް އަށް ރެސްޕެކްޓް ކުރައްވަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ބޮޑެތި ގިނަ ވައުދުތަކެއް ވެފައިވާއިރު އެ ވައުދުތައް ފުއްދަން ބާރު ސުޕީޑުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކަށް އައްޔަން ކުރައްވާނީ އެކަންކަން ކުރެވޭނެ ތައުލީމީ ގާބިލް، އަދި ހީވާގި މީހުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.