twitterviber whatsapp telegramfacebookyoutube instagram
9th May 2024

ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތުން: ރައީސް

ނަބީލާ އިސްމާޢީލް
Oct 5, 2023

ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތޯބުގައެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށްކަމަށާ ދުނިޔެއަށް އަންނަ އިގުތިސޯދީ، އިޖްތިމާއީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމުގަ އެވެ.

އެ ހިތޯބުގައި އިތުރަށް ވިދާޅުވީ ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކުކަން ފާހަގަކުރައްވާ ވިދާޅުވީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަމަށެވެ. އަދި ޓީޗަރުންގެ އެ މުހިންމު ގައުމީ ހިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ގައުމީ ތަރައްގީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައްކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާއީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ހަމަ އެހެންމެ، ދިވެހިންގެ ދީނީ ޢަގީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިއާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެކަންވެސް ހިތޯބުގައި ފާހަގަކުރައްވާފައި ވެއެވެ.

ރައީސްގެ ހިތޯބުގައި މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ އާއިލާތަކަށް، ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355