ފަލަސްތީނުގެ މުސްލިމު އަހުންނާ އުހުތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތަކުގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދެއްވައި އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން އެދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޤުނޫތު ނާޒިލާ ކިޔާނީ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ކަމަށްވެސް ސާކިއުލާގައިވެ އެެވެ. ކިޔަންވީ ޤުނޫތު ނާޒިލާވެސް ސާކިއުލާގައި ހިމަނާފައިވެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއެކު ވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވަނީ ޤުނޫތު ނާޒިލާ ކިޔައިފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު އިޒުރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކުގައި އެ ދުވަހު އެކަނިވެސް 5،000 ރޮކެޓް ހަމަލާ އިޒްރޭލަށް ދީފައިވެ އެވެ.
ހަމާސްއިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,200 މީހުން މަރުވެ، 2،800އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 970އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 5,000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
ހަމާސް ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިއަށްދާ ހަމަލާތައް އެހާ އަވަހަށް ހުއްޓިގެން ނުދާނެ ކަމަށް ބައިނަލްއަގްވާމީ މަޝްރަހް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.