ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމު ފޮނުއްވާފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވީނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅު ރަނގަޅު ނުވާކަމަށް ބުނެ ސަލާމް ފޮނުއްވުމުން މިއަދުގެ ޖަލްސާ ކެންސަލްކޮށް މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.
މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްއަށް ސިޓީއެއް ފޮނުއްވައިފައިވެ އެެވެ. އެ ސިޓީ އެމްޑީޕީން ވަނީ މީޑިއާތަކަށް ފޮނުވައިފަ އެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ މިދިޔަ އާދީއްތަ ދުވަހަށެވެ. އެ ދުވަހު ވެސް އަދި އިއްޔެގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އީވާ ފޮނުއްވީ ސަލާމެވެ.
އާދީއްތަ ދުވަހުގެ ޖަލްސާ ކެންސަލް ކުރެއްވިއިރު މަޖިލީހުގެ އަމީންއާންމު ފާތިމަތުނިއުޝާ ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހުގެ އިދާރާއަށް އީވާ ލިއުމުން އަންގަވާފައިވާ ކަަމަށެވެ.
އެ ސިޓީގައި އީވާ ވިދާޅުވެފައި އޮތީ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މެޑިކަލް ސެޓްފިކެޓާއި ލޭގެ ޓެސްޓްގެ ރިޕޯޓްތައް މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ހިއްސާކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގަ އެވެ.
މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.
އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.