twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފެލިދޫ ކައުންސިލްގެ ނިންމުން ބާތިލުކުރަން އެޗްއާރްސީއެމުން އަންގައިފި

ނަބީލާ އިސްމާޢީލް
Nov 7, 2023

ވ. ފެލިދޫ ރައްޔިތުންގެ އާމުދަނީއަށް ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ، އެރަށު ކައުންސިލުން އެ މީހަކަށާއި އޭނާގެ އާއިލާއަށްދޭ ހިދުމަތްތައް ކަނޑާލަން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެ ނިންމުން ބާތިލު ކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން އެ ކައުންސިލަށް އަންގައިފިއެވެ.

ކައުންސިލްތަކުން ކަންކަން ނިންމަންވާނީ ޤާނޫން އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ނާންނަގޮތަށް ކަމަށް އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން މިގޮތަށް ވިދާޅުވެފައިވަނީ ކައުންސިލަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން އެފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން ކައުންސިލުންދޭ އެއްވެސް ހިދުމަތެއް އެފަރާތަށާއި އެފަރާތުގެ އަނބި ފިރި އަދި ދަރިން ހިމެނޭ ގޮތަށް އެއްވެސް ފަރާތަކަށް ނުދިނުމަށް ވ.ފެލިދޫ ކައުންސިލްގެ 29 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ، ނިންމުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނީ ގާނޫނުއަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމަށެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެހެން އެއްވެސް ގާނޫނެއްގެ ދަށުން ވެސް ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއްވެސް ފަރާތަކަށް ފޯރުކޮށްނުދީ ނުހިފެހެއްޓޭނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައިވަނީ ލާމަރުކަޒީ ގާނޫނު ހިމެނޭހެން އެއްވެސް ގާނޫނެއްގެ ދަށުން ލޯކަލް ކައުންސިލަކަށް އެ ކައުންސިލަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއް ވަކި ބަޔަކަށް ނުދީ ހިފެހެއްޓުމަކީ ފެލިދޫ ކައުންސިލަށް ލިބޭ ބާރެއް ނޫންކަން ފާހަގަކޮށް އެކަން އެގޮތަށް ކުރަން ނިންމާފައިވާތީ އެޗްއާރްސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފެލިދޫ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެފައިސާއަކީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިންތައް ކުއްޔަށް ނެގުމަށް ފަހު ދައްކަންޖެހޭ ކުއްޔާއި ހިދުމަތްތައް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާކަމަށްވެސް ހާމަކޮށްފައިވެއެވެ.

އެލްޖީއޭއިން ނެރެފައިވާ ބަޔާނުގައިވެސްވަނީ ކައުންސިލްތަކުން ހިދުމަތް ހޯދުމަށް ފަހު ގަވާއިދުން ފައިސާ ނުދައްކާތީ އެކަމާ ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން މާލީގޮތުން ކައުންސިލް ތަކަށް ގޮންޖެހުން ކުރިމަތިވި ނަމަވެސް ގަވައިދުތަކާއި ކަންތައްތައް ނިންމަންވާނީ ގާނޫނު އަސާސީން ލިބޭ އަސާސީ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ކަމަށް ވެސް އެލްޖީއޭއިން ވަނީ ވިދާޅުވެފައެވެ.

އަދި ރަށެއްގެ ރައްޔިތުން އަމަލުކުރުމަށް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރު ލިބިގެން ނިންމޭ ނިންމުމަކަށް ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ. އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަމަކީ ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާ އަސާސީ އަދި އާއްމު ހިދުމަތްތަކަކަށްވާއިރު، ކައުންސިލް އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރެވޭނީ ގާނޫނު އަސާސީއާ ހިލާފުނުވާނެހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމަށް ބާރު ލިބިގެން ކަމަށް އެލްޖީއޭގެ ބަޔާނުގައި ވެއެެވެ.

ކައުންސިލާއި އަމިއްލަ ފަރުދަކާއި މެދުގައި ވެވޭ މަދަނީ މުއާމަލާތެއްގެ ތެރެއިން، އެފަރާތުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކުން، ގާނޫނުގެ ތެރެއިން ނުވަތަ ގަވައިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް ރައްޔިތަކާމެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމުގައި އެއޮތޯރެޓީން ދެކޭކަމުގައިވެސް އެލްޖީއޭއިން ވަނީ ހާމަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355