އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒަށާއި އާ ސަރުކާރަށް ކާމިޔާބީއަށް އެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އާ ސަރުކާރަށާއި އިންތިހާބީ ރައީސަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.
"އަޅުގަނޑު އެދެނީ އާ ސަރުކާރަށް ކާމިޔާބީ. ރައްޔިތުންނަށް ސުލްހަވެރި އުފާވެރި އަމާން ދުވަސްތަކެއް. ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު މިންވަރު ކުރެއްވުން،" މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން އެ މަނިކުފާނު ދެއްވި ހިތާބުގައި ވިދާޅުވި އެވެ.
ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު އާ ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓު ވޯޓުންނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓު ވޯޓެވެ.
އާ ރައީސް ހުވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެކަމަށްޓަކައި އެ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އާ ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ކުރިޔަށް ގެންދަވާނީ އަދުލުވެރި، ސާފު ވެރިކަމެއް ކަމަށެވެ. އަދި ތަރައްގީ ބާރު ދުވެލީގައި ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ ފާއިތުވީ 5 އަހަރު އެމަނިކުފާނު އިސްކަން ދެއްވީ ވެރިކަމުގެ ހައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާއީ އަދާލަތު ޤާއިމުކުރުމަށް ކަމަށެވެ. އެގޮތުން ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދީފައިވާ ކަމަށާއި ޚިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ހައްޤުތަކަށް އިސްކަންދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިނިން. ހިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކަށް އިސްކަންދިނިން. ފަރުދީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ސަރުކާރުން ހިފިން." ރައީސް ވިދާޅުވިއެވެ.
އަދި ހަމައެއާއެކު އިންސާފުވެރި އޯގާތެރި ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އެމަނިކުފާނު މަސައްކަތްކުރެއްވި ކަމަށް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދެއްވި ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކޮށްފައެވެ.