twitterviber whatsapp telegramfacebookyoutube instagram
8th May 2024

މީޑިއާތަކަށް ޚާއްސަ ވިލެޖެއް ތަރައްގީކޮށް، ހިލޭކިޔެވޭ ސްކޮލަޝިޕް ދޫކުރާނަން: ޑރ. މުއިއްޒު

ނަބީލާ އިސްމާޢީލް
Nov 14, 2023

މީޑިއާ ހިންގުމަށް ހާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަހައްދުގައި ތަރައްޤީކޮށްދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ބޭއްވި މިހަފްލާގައި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްޤީކުރަން ބޭނުންވާ ގިނަ ހިޔާލުތަކެއް އިންތިހާބީ ރައީސާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ނޫސްވެރިން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އަމިއްލަ މީޑިއާތައް ހިންގުމަށް ތަންތަން ކުއްޔައް ހިފުމުގެ ސަބަބުން ކުރަންޖެހޭ ބޮޑު ހޭދަ ފާހަގަކުރިއެވެ. އަދި ނޫސްވެރިންނަށް ތަމްރީނާ ހުނަރު ދަސްކޮށްދިނުމުގައި ހުރި ދަތިތަކާއި، މީޑިއާ ހިންގުމަށް ދިމާވާ މާލީ ދަތިތައްވެސް ނޫސްވެރިން ފާހަގަކުރިއެވެ. އަދި މިހާރަށްވުރެ ދެފުށް ފެންނަ އަދި ހަމަހަމަ ފުރުސަތުތަކެއް މީޑިއާތަކުގެ މެދުގައި ޤާއިމުކޮށްދެއްވުމަށްވަނީ އެދިފައެވެ.

އޭގެ ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި ނޫސް މީޑިއާތައް ހިންގާ ތަންތަން ހޯދުމަށް ބޮޑު ކުއްޔެއް ދައްކައިގެން ޚަރަދުކުރަން ޖެހުމާއި، މި ދާއިރާއަށް ބޭނުންވާ ތައުލީމީ ޒުވާނުން ހޯދަން ދަތިވުމާއި، ތަމުރީނަށް ހުރި ފުރުސަތުތައް މަދުވެފައި، ހަނިވުން ހިމެނެއެވެ.

އެ ކަންކަމަށް އަލިއަޅުއްވައިލައްވައި، ހަފުލާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އެކި ތަންތަން ކުއްޔަށް ނަގައިގެން އޮފީސް ހަދަން ޖެހުމަކީ ކަންބޮޑުވުމެއްކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެއް ދުވަހުން ހައްލު ގެނެވޭނެ ކަމަކަށްނުވި ނަމަވެސް ޕްލޭނެއްގެ ތެރެއިން އެ ކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އެ ކަމަށް ޓަކައި މާލެ ސިޓީ، ގްރޭޓާ މާލޭ ރީޖަންގައި އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުން، މީޑިއާ ވިލެޖެއް އިރާދަކުރެއްވިއްޔާ ގާއިމްކުރުމުގެ ކޮންސެޕްޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެ ކަމަށް މަގުފަހިކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދާއިރާގެ ތައުލީމް ހާސިލްކުރުމަށް ޓަކައި ވެސް ފަހި ފުރުސަތުތަކެއް ފަހިކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަސްތުކުރަނީ މީޑިއާގެ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިއީ ތައުލީމް ހާސިލްކޮށްގެން މި ދާއިރާއަށް ވަންނަން މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ވެސް ފަހިވާނެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އާ ސަރުކާރުގެ މަސައްކަތް ފަށަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމަށް ކަމަށެވެ.

އެެހެންކަމުން ސަރުކާރުގެ މައުލޫމާތު މީޑިއާއާ ހަމައަށް ފޯރުކޮށްދިނުމަށް ޓަކައި ފަސޭހަ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355