twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފައިސާ ޗާޕުނުކޮށް އަންނަ އަހަރު ހަރަދުތައް ހަމަޖެއްސޭނެ: އަމީރު

Nov 14, 2023

އަންނަ އަހަރުން ފެށިގެން ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓް ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރި އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭ މިންވަރު އޮންނަނީ ލިމިޓުކޮށްފަ އެވެ. ނަމަވެސް ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި، ސަރުކާރުން އެދިގެން، ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގާނޫނުގައިވާ މިކަމާ ގުޅޭ މާއްދާއަށް އަމަލުކުރުން ވަކި މުއްދަތަކަށް އިސްތިސްނާކޮށްފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ މި އިސްތިސްނާ ކަނޑައެޅީ އޭޕްރިލް 26، 2023 އާ ހަމައަށެވެ. ނަމަވެސް މި މުއްދަތު އިތުރުކޮށްދިނުމަށް ސަރުކާރުން 2021 ގައި ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުން ވަނީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިސްތިސްނާގެ މުއްދަތު ދައްމާލާފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅުއްވައިދެއްވަމުން އިއްވި ބަޖެޓު ބަޔާނުގައި މިކަމާ ގުޅޭ ގޮތުން އަމީރު ވިދާޅުވި ގޮތުގައި އެމްއެމްއޭ އިން ހަމަޖެއްސި 4.4 ބިލިއަން ރުފިޔާގެ އޯވާޑްރާފްޓް ފެސިލިޓީގެ ބައެއް ދެ ފަހަރެއްގެ މަތިން ސެކިއުރިޓައިޒްކޮށް، މި އަހަރު ވަނީ ލިމިޓު ކުޑަކޮށްފަ އެވެ.

"އެމްއެމްއޭއިން ވަނީ 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ފެސިލިޓީއެއް ހަމަޖައްސަވައިދެއްވާފައި. އަދި މި އޯވާޑްރާފްޓް ފެސިލިޓީގެ ބައެއް ދެ ފަހަރެއްގެ މަތިން މިހާރު ވަނީ ސެކިއުރިޓައިޒްކޮށްފައި. އަދި އޯވާޑްރާފްޓް ލިމިޓް މި އަހަރު ވަނީ 2 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައި."

ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ އިތުރަށް ނަގާފައިވާ ފައިސާގެ ތެރެއިން ބާކީ ހުރި ދެ ބިލިއަން ރުފިޔާ ވެސް މި އަހަރު ނިމޭއިރު ސެކިއުރިޓައިޒްކުރުމަށެވެ. އަދި މިހާރު އޯވާޑްރާފްޓާ ނުލާ ވެސް ހަރަދުތައް ހަމަޖެއްސޭ މިންވަރަށް އިގުތިސޯދު ކުރިއެރުމާއި އާމްދަނީގެ ޔަގީންކަން ލިބެން ފަށާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

މިއާއެކީ، އަންނަ އަހަރުން ފެށިގެން ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓު ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް އަމީރު ވިދާޅުވި އެވެ. އެކަމަކު އެކަން ކުރެވޭނީ ބަޖެޓު ފައިނޭންސުކުރުމަށް ހޯދަން ޖެހޭ ފައިސާ ހޯދައިގެން، ސަރުކާރުން އެކަމަށް ތައްޔާރުވެގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންކަމުން އަންނަ އަހަރުން ފެށިގެން ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓް ގެނައުމަކީ ކުރެވިދާނެކަމެއްކަން ފާހަގަކުރަން. ނަމަވެސް، މިކަން ކުރުމަށްޓަކައި، ބަޖެޓު ފައިނޭންސްކުރުމަށް ރާވާފައިވާ ފައިނޭންސިން އިންފްލޯތައް ހޯދައި، ސަރުކާރުން އެކަމަށް ތައްޔާރުވާން ޖެހޭނެ." އަމީރު ވިދާޅުވި އެވެ.

ފައިސާ ޗާޕު ނުކޮށް ކުރިއަށް ދެވޭނެ ކަމަށް އަމީރު ވިދާޅުވި ނަމަވެސް، ކޮވިޑާއި އޭގެ ފަހުން ދުނިޔޭގެ އިގުތިސޯދަށް ލޮޅުން އައި ކަންކަމާ ގުޅިގެން މާލީ ހާލަތު ގޯސްވެފައިވާ ކަަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ. އަދި އެކަންކަމުން ސަލާމަތްވެ، އިގުތިސޯދު އާންމު ހާލަތަށް ގެންނަން އަޅަން ޖެހުނު ފިޔަވަޅުތަކާ ގުޅިގެން ދަރަނި އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހިރާސްތަކާ އެކުވެސް މުސްތަގުބަލުގައި ދައްކަން ޖެހޭ ދަރަނި ދެއްކޭނެ ގާބިލިއްޔަތު ދިވެހި ދައުލަތުގައި އެބަހުރި ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން މި ވަގުތު ވެސް ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި 124.7 މިލިއަން ޑޮލަރު އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355