twitterviber whatsapp telegramfacebookyoutube instagram
8th May 2024

އައިވީއެފް ފަރުވާ އާސަންދައިން ދޭން ފަށަނީ

ނަބީލާ އިސްމާޢީލް
Nov 16, 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އަންނަ ހުކުރު ދުވަހު ރިޔާސީ ދައުރު ފައްޓަވާ މުއިއްޒު ވަނީ "ހަފްތާ 14" ގެ ނަމުގައި 100 ދުވަހުގެ ޕްލޭނެއް ރޭ އިފްތިތާހް ކުރައްވައިފައެވެ. ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި ޕްލޭން ނުވަތަ މަގު ޗާޓްގެ މަސައްކަތްތައް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ. އެ ލިސްޓުގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރު މުޖުތަމައު މި ސުރުހީގެ ދަށުން 17 ވައުދެއް ފުއްދުމަށް އިންތިހާބީ ރައީސް ވަނީ ނިންމަވައިފައެވެ.

އޭގައި ބުނެފައިވަނީ އެ ސަރުކާރުގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި "އައިވީއެފް ޓްރީޓްމަންޓް" ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ހިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އޭގެ އިތުރުން "އެންޑޮމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އެކަން ފުރަތަމަ ނުވަ ހަފުތާގެ ތެރޭގައި ކުރުމަށް ވަނީ ނިންމައިފައެވެ.

މިހާރު އެ ފަރުވާތައް އާސަންދައަކުން ނުލިބެއެވެ. ދަރިމައިވުމަށް ހޯދާ ފަރުވާއަކީ ވަރަށް ހަރަދު ބޮޑު ފަރުވާއެކެވެ.

ހަމައެހެންމެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށް ދިނުން ވެސް ޕްލޭންގައި ހިމެނެއެވެ.

ސިއްހީ އެހެން ކަންކަމަށް ބަލާއިރު ފުރަތަމަ 14 ހަފުތާގެ ތެރޭގައި އެއާ އެމްބިއުލާންސް ތައާރަފު ކުރުމުގެ މަސައްކަތް ފެށުން ވެސް ހިމެނެއެވެ. ހަމައެހެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސް ކަމުގައި ހެދުމަށް ސިޔާސަތެއް ކަނޑައެޅުން ހިމެނެއެވެ.

ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ކޮންމެ ދިވެއްސަކަށް އަހަރަކު ދެ ފަހަރު އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭ ހެލްޕް ލައިނެއް ހަދަން ވެސް ވަނީ ނިންމައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355