twitterviber whatsapp telegramfacebookyoutube instagram
27th February 2026

އަފީފުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ނަބީލާ އިސްމާޢީލް
Nov 29, 2023

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ. އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ ކުރިން އެ މަގާމުގައި ހުންނެވި ނާސިހާ އިދުރީސް މިދިޔަ ޖުލައި މަހު އެހެން ސްކޫލަކަށް ބަދަލުވުމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރީން މިދިޔަ އޯގަސްޓް މަހުވެސް ވަނީ މި މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ. އަދި މަގާމަށް ކުރިމަތިލީ މީހުންނާއި އިންޓަވިއުކޮށް އޭޓޫ ޝީޓްވެސް އާންމުކުރި އެވެ. ނަމަވެސް އެޑިއުކޭޝަނުން ފަހުން އެ އިއުލާން ވަނީ ބާތިލު ކޮށްފަ އެވެ. އެކަމަކު އެ މިނިސްޓްރީ އިއުލާން ބާތިލުކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

އެޑިއުކޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްރިންސިޕަލްގެ އަސާސީ މުސާރައިގެ ގޮތުގައި 16000 ރުފިޔާ އާއި ދެމެދުގެ 17000 މުސާރައެއް ލިބޭނެ ކަމަށެވެ. މީގެ އިތުން އެލަވަންސްގެ ގޮތުގައި 9000 ރުފިޔާ އާއި 10300 ރުފިޔާގެ އެލަވަންސެއް ލިބޭއިރު ހާޒިރީ އިނާޔަތުގެ ގޮތުގައި 258 ރުފިޔާ އާއި 279 ރުފިޔާގެ އިނާޔާތެއް ލިބޭނެ ކަމަށެވެ.

މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޑިސެމްބަރު 2023 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިންނެވެ. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެ އެވެ.

އެޑިއުކޭޝަނުން ބުނީ، މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3341427 އަދި 3341441 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. އަފީފުއްދީން ސްކޫލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރާ ސްކޫލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355