twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކުލާސް ހިންގަނީ

ނަބީލާ އިސްމާޢީލް
Dec 5, 2023

ހދ ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާސް ހދ ނޮޅިވަރަން ގުލަހަޒާރުގެ އާމިނަތު ހުސައިނާއި ހަވާލުކޮށް އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަން ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ވިދާޅުވީ ކައުންސިލުން ޤުރާއާން ކުލާހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އާމިނަތު ހުސައިން އެކަނި ކަމަށާއި އާމިނަތު ހުސައިނަކީ ކައުންސިލުން ހުޅުވާލި ޤުރުއާން ޓީޗަރެއްގެ ޝަރުތު ފުރިހަމަވާ ފަރާތެއް ކަމަށެވެ.

552،000 (ފަސްލައްކަ ފަންސާސް ދެހާސް) ރުފިޔާ ހަރަދުކޮށްގެން ދެއަހަރު ދުވަހަށް ހިންގާ މި ޤުރުވާން ކުލާހުގެ އެއްބަސް ވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުލް ސައްތާރު ހަސަން އެވެ. އަދި ކުލާސް ހިންގުމާއި ހަވާލުވެ ސޮއި ކުރެއްވީ އާމިނަތު ހުސައިންއެވެ.

ހަނިމާދޫ ކައުންސިލުން މިދިޔަ އޮކްޓޯބަރ މަހު މިކުލާހުގައި ބައިވެރިވާ އިއުލާނުކުރުމުން 92 ދަރިވަރުން ވަނީ ކުލާހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެވެ.

އުމުރުން 4 އަހަރާއި 17 އަހަރާއި ދެމެދުގެ ދެޖިންސުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޤުރުއާން ކުލާހުގައި ބައިވެރިވާ ދަރިވަރުންގެ ފީ އަކީ ކޮންމެ މަހަކަށް -/200 (ދުއިސައްތަ) ރުފިޔާއެވެ.

ފިރާގު ވިދާޅުވީ އިތުބާރާ ޔަގީންކަމާއި އެކު މެދުނުކެނޑި ޤުރުއާން ކިޔަވައިދޭ ފަރާތެއް މި ވަގުތު ހަނިމާދޫގައި ނޫޅޭ ކަމަށާއި މި ޤުރުއާން ކުލާހުގެ މަގުސަދަކީ ރައްޔިތުންނަށް އަތްފޯރާ އަގެއްގައި މެދުނުކެނޑި ރަނގަޅު ފެންވަރެއްގައި ޤުރުއާނުގެ އިލްމު ހަނިމާދޫ ސްކޫލުތަކުގެ ދަރިވަރުންނަށް އުނގަންނައިދިނުން ކަމަށެވެ. އަދި ޤުރުއާނުގެ އިލްމު ކުރިއަރުވައި އެކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ހިންގޭ ޕްރޮޖެކްޓެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355