މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން 1 ފަޅުވެރިޔަކު "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެކަމުގައިވެސް ރައިސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބައެއް ފަހަރު ފުރާނަ އަށް ނުރައްކާވާ ހާލަތު ވެސް ދިމާވެފައިވާ ކަމަށާއި އެހެންވެ މި ކަހަލަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް، ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޑައިވަރުން އުޅަނދުފަހަރުގައި ތިބުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެން ކަމުން، މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކާ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެވޭނެ. ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ މި ފަދަ ހިތާމަވެރި މައްސަލަތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ފަދަ ކޮންމެ ކަމަކުން ނިކަމެތިވަނީ ހަމައެކަނި ހާދިސާއާއި ކުރިމަތިލާ މީހާ ނޫން ކަމަށާއި އެ މީހެއްގެ މުޅި އާއިލާ އުމުރު ދުވަހަށް އެ ފަޅުކަމުގައި ހުސްކަން އިހުސާސްކުރަން ޖެހޭ ކަމަށާއި އެހެން ކަމުން މި ސަރުކާރުން ބޭނުންވަނީ މި ހިތާމަވެރި ހާލަތުން މަސްވެރީންނަށް އަރައިގަނެވޭނެ ގޮތްތަކެއް ރާވައި ތަންފީޒުކުރުން ކަމަށެވެ.
ރައީސް ވަނީ އާ ސަރުކާރުން މަސްވެރިންނަށް ކޮށްދޭން ރާވާފައިވާ ބައެއް ކަންކަމާ ގުޅޭ މައުލޫމާތުތައް ވެސް ރޭ ހިއްސާކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީ އަށް ވަޑައިގެން ވެސް މަސްވެރިންގެ ކަންކަމަށް އިސްކަންދެއްވި ކަމަށެވެ.
މިގޮތުން ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސްވެރިންގެ ލާބައާއި މަންފާއަށް ސަރުކާރުން މިހާރު ފަށްޓަވާފައިވާ ބައެއް ކަންކަމާއި ކުރިއަށް ރާވާފައިވާ އެކި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.