މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއްކަމުގައިވާ ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިފައިވާކަމަށް ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތައް އައިބުވާ މިންވަރަށް ސިފަ ބަދަލުކޮށްލަ އެވެ.
ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުން ބުނީ، ބަލި ފެނިފައިވަނީ ބައެއް ބަލިތަކަށް ސްރީކްރީން ކުރުމަށް ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހެލްތް ކޭމްޕެއްގެ ތެރެއިން ކަމަށެވެ.
އަދި އެ މީހުންނަކީ ފައިލޭރިއާ ބަލި އުޅޭ ގައުމުތަކުންނާއި ސަރަހައްދުތަކުން ވަރަށް ފަހުން ރާއްޖެ އައިސްފައިވާ މީހުންކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއް އަދި އެ ބަލި ޖެހިފައިވަނީ ކިތަށް މީހުންނަށް ކަމެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެ އެވެ.
ކޭއާރުއެޗުން ބުނީ، ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރަމުންދާ ކަމަށާއި އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއެކު ދިރިއުޅޭ ފަރާތްތަކުގެ ސްކްރީނިންގ ޓެސްޓްތައް ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
" ސްކްރީނިންގ ޓެސްޓުން ޕޮޒިޓިވްވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަގީން ކުރުމަށްޓަކާ އިތުރު ކޮންފަރމޭޓަރީ ޓެސްޓް ހެދުމުގެ މަސައްކަތްކުރިއަށްދާނެ. ފައިލޭރިއާ ހުރިކަން ޔަގީންވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބޭހެއް." ކޭއާރުއެޗުގެ ނޫސް ބަޔާނުގައިވެ އެވެ.
ފައިލޭރިއާ އާންމުކޮށް ފެތުރެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ކަމަށާއި މިއީ ޑެންގީ އަދި ޗިކުންގުންޔާ ފަތުރާ އީޑީސް މަދިރި އާއި ތަފާތު މަދިރި އެއް ކަމަށެވެ. މި ބައްޔަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށްވެފައިވާ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރިން ރައްކާތެރިވުމަށް ހޮސްޕިޓަލުން ނަސޭހަތްތެރިވެފައިވެ އެވެ.
ފައިލޭރިއާއަކީ ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ މި ސަރަހައްދުގައި ފައިލޭރިއާއިން ސަލާމަތްވެފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރެވެ.