twitterviber whatsapp telegramfacebookyoutube instagram
6th May 2024

ރައީސް، ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ބޮޑު ކުރަން މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި

Dec 20, 2023

ރައީސާއި ނައިބު ރައީސްގެ އިތުރުން މިނިސްޓަރުންގެ ވެސް މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމައިފިއެވެ.

ރައީސް، ނައިބު ރައީސް، އަދި މިނިސްޓަރުންގެ މުސާރަ ބޮޑު ކުރުމަށް ފާސްކޮށްފައިވާއިރު، ރައީސްގެ މުސާރައަކީ މިހާރު މަހަކު އެއް ލައްކަ ރުފިޔާއެވެ. ނައިބު ރައީސްއަށް މަހަކު 75،000 ރުފިޔާ ލިބޭއިރު، މިނިސްޓަރުންނަށް މިހާރު ލިބެނީ 66،000 ރުފިޔާއެވެ.

ކޮމިޓީން ފާސްކޮށްފައިވާ ގޮތުން ރައީސް އަށް ދެން އަސާސީ މުސާރައިގެ ގޮތުގައި މަހަކު 120،000ރ. ލިބޭނެއެވެ. ނައިބުގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑުވެގެންދާއިރު، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައެވެ.

މީގެ އިތުރުން ވެސް މަޖިލީހުގެ މެމްބަރުންނަށް 80،000 ރުފިޔާ، މަޖިލީހުގެ ރައީސްއަށް 90،000 ރުފިޔާ، މަޖިލީހުގެ ނައިބު ރައީސްއަށް 88،000 ރުފިޔާ، އުއްތަމަ ފަނޑިޔާރަށް 91،000 ރުފިޔާ، އެމްއެމްއޭގެ ގަވަރުނަރަށް 74،000 ރުފިޔާގެ އިތުރުން އޮޑިޓާ ޖެނެރަލް އާއި ޕްރޮސެކިއުޓަ ޖެނެރަލަށް 74،000 ރުފިޔާގެ މުސާރައެއް ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން ވަނީ މިނިވަން މުވައްސަސާތަކުގެ މެންބަރުންނާއި އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނާއި ސިޓީ އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ. އެގޮތުން ސިޓީ ކައުންސިލެއްގެ މޭޔަރުންނަށް 46،000 ރުފިޔާ، ޑެޕިއުޓީ މޭޔަރަށް 40،500، ސިޓީ ކައުންސިލް މެމްބަރުންނަށް 35،000، އަތޮޅު ކައުންސިލްގެ ރައީސުންނަށް 33،000، ރަށު ކައުންސިލްގެ ރައީސުންނަށް 25،500، ރަށު ކައުންސިލްގެ ނައިބުންނަށް 20،000ގެ އިތުރަށް ރަށު ކައުންސިލަރުންނަށް 18،000 ރުފިޔާގެ މުސާރައެއް ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ގާނޫނުއަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުންނެވެ. މާލިއްޔަތު ކޮމިޓީން މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.

މުސާރަތައް ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، މުސާރަތައް ބޮޑު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 500 މިލިއަން ރުފިޔާ ހިމަނާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355