twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބިދޭސީން ހަދާ މެޑިކަލް ޓެސްޓުގައި ފައިލޭރިއާ ހިމަނަނީ

Dec 27, 2023

ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ބިދޭސީން އެތެރެވާއިރު ހަދާ ވޯކް ޕާމިޓް މެޑިކަލްގައި ފައިލޭރިއާ ނުވަތަ ފައިފަލަ ބަލީގެ ސްކްރީނިން ހެދުން ހިމަނާނެކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުالله ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ބަލީގެ ކޭސްތަކެއް އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައި ވަނީ ކުޅުދުއްފުށިން މި މަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު މިހާތަނަށް ފައިލޭރިއާގެ 32 ކޭހެއް ރާއްޖެއިން ވަނީ ފެނިފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ހޭލުންތެރި ކުރުމަށްޓަކައި "މުކައްބަ" މީޑިއާ ކެމްޕެއިން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވީ، ފައިލޭރިއާގެ ކޭސްތަކާ ގުޅިގެން އަޅާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ކެބިނެޓުން ނިންމާފައި ވަނީ ރާއްޖެއަށް ވަކި ހިސާބަކުން ފެށިގެން އެތެރެވާ ބިދޭސީ މަސައްކަތްތެރިންގެ މެޑިކަލް ޓެސްޓު އަހަރުން އަހަރަށް ހެދުމަށް ކަމަށެވެ. އެގޮތުން ހަދާ ޓެސްޓުތަކުގެ ތެރޭގައި ފައިލޭރިއާއަށް ވެސް ސްކްރީނިން ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފައިލޭރިއާއަށް އެހާބޮޑަށް މި ފޯކަސް ކުރަނީ ރާއްޖޭގައި އެލިމިނޭޓް ވެފައޮތް ނޫނީ ނައްތާލެވިފައި އޮތް ބައްޔަކަށްވާތީއާ ވެސް އެއްކޮށް. އެހެންވީމަ ނައްތާލެވިފައި އޮތް ބައްޔެއް ރާއްޖެއަށް އެއްވެސް ވަރަކަށް އެތެރެވުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން،" ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މެޑިކަލް ޗެކަޕްގައި ދެން އިތުރަށް ޓެސްޓުކުރުމަށް ހިމެނޭނީ ކޮން ބަލިތަކެއްތޯ ބެލުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ފައިލޭރިއާއަކީ ރާއްޖެއަށް އެތެރެވެފައިވާ ބައްޔެއް ކަމަށާއި އެއީ ރާއްޖޭގަ ފެތުރޭ ބައްޔެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ މެކޭނިޒަމެއް އޮތް ކަމަށެވެ. އަދި ރާއްޖޭގައި އެ ބައްޔަށް ބޭހާއި ޓެސްޓު ކިޓުތައް ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ސިއްހީ ކަންތައްތައް ވަރުގަދަ ކުރުމަށްޓަކައި މިހާރު މިއޮތް ނިޒާމަށް ވުރެ ވަރުގަދަ ނިޒާމެއް ހެދިގެން ދާނެ ވާހަކަ ދަންނަވަން."

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ގޮތުގައި ފައިލޭރިއާ ބަލީގެ 25 ކޭހެއް މިހާތަނަށް ކުޅުދުއްފުށިން ފެނިފައިވާއިރު މާލޭ ސަރަހައްދުން ހަތް ބިދޭސީއަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެ ބައްޔަށް މިހާތަނަށް ދިވެއްސަކު ޕޮޒިޓިވްވެފައިނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355