twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ފިޝަރީސް ކޮލެޖު ގާއިމުކުރުމުގެ މަސައްކަތް އެމްއެންޔޫއާ ހަވާލުކޮށްފި

Dec 29, 2023

މަސްވެރިކަމުގެ ދާއިރާގެ އިލްމީ ދިރާސާތައް ހެދުމަށާއި މަސްވެރިން އިތުރަށް ތަމްރީނުކުރުމަށް ފިޝަރީސް ކޮލެޖު ގާއިމުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާއި ފިޝަރީސް މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު އެމްއެންޔޫގައި ބޭއްްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު ޝިޔާމެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ދައިރާ ކުރިއެރުވުމަށްޓަކައި ޒަމާނާ އެއްގޮތަށް ތައުލީމު ދެވޭނެ ނިޒާމެއް ގާއިމުވުމަކީ މި ދާއިރާއަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ ކޮލެޖު ގާއިމުކުރުމުން މަސްވެރިކަމުން ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުމަށް އެޅޭނެ ފިޔަވަޅުތައް ހޯދުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި މަސްވެރިކަން ރެގިއުލޭޓުކޮށް މަސްވެރިކަމުގެ ހަރަކާތްތައް ސުޕަވައިޒް ކުރަން އޮންނަ ބޮޑީއަކަށްވުރެ ބޮޑަށް މި ސިނާއަތުގައި ހުރި ފުރުސަތުތަކާ މި ސިނާއަތުން ރާއްޖޭގެ އިގްތިސޯދަށް ހޯދޭނެ މަންފާ އެކްސްޕްލޯ ކުރުން އެބައޮތް،" ޝިޔާމް ވިދާޅުވިއެވެ.

އެކަން ހާސިލުކުރުމުގެ ހުރިހާ ގާބިލުކަމެއް އެމްއެންޔޫގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގައި ގިނަ ވަޒީފާތަކެއް ހުރި ނަމަވެސް ދިވެހިން އެ ވަޒީފާތަކުގައި މަދު ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މަހުގެ ބާވަތްތައް އުފައްދާ ފެކްޓްރީތަކުގައި ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކުގައި އުޅެމުންދާ ބޭރުގެ ފަރާތްތަކުގެ ބަދަލުގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ޒުވާނުން ފެނިގެންދާނެ ކަމަށް ޔަގީންކުރެވޭ މިފަދަ ނިޒާމެއްގެ ތެރެއިން،" އޭނާ ވިދާޅުވިއެވެ.

އެގޮތުން މި ކޮލެޖުގެ ޕްރޮގްރާމްތަކަކީ މަސްވެރިކަމަށް ފައިދާ ކުރާނެ ޕްރޮގްރާމުތަކެއް ކަމަށާއި ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ބޮޑުބައެއް ހިއްސާކުރާ ގައުމަކަށް ވާތީ، މި ސިނާއަތާ ގުޅޭ ޔުނިވާސިޓީއެއް ގާއިމުކުރެވުމަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިމަހުގެ 10ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް މަސްވެރިކަން ތިޔާގި ކުރުމަކީ ވަރަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

އެކަމަށްޓަކައި މަސްވެރިން ޢިލްމުވެރިކުރުން މުހިންމު ކަމަށް ވިދާޅުވެ، މަސްވެރީން ތަމްރީނުކުރުމަށްޓަކައި ފިޝަރީސް ޓްރެއިންނިން އިންސްޓިޓިއުޓެއް ގާއިމްކުރައްވާނެ ކަމަށް އެ ދުވަހު ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355