މިއަދު ފެށުނު އާ އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށެވެ. އަދި އާ އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށާއި ނަފުސުގެ ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ފާއިތުވެގެންދިޔަ އަހަރަކީ ވެސް ދިވެހިން މުހިންމު ނިންމުންތަކެއް ނިންމައި ކުލަގަދަ ތަސައްވުރެއް ކުރެހި އަހަރެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮވެގެން ނުވާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްގީ ބޭނުންކަން ދިވެހިން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އެކަމަށް ޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ގައުމީ ސިފަތަކާ އެކު ބިނާކުރަން ބޭނުންވާ ކަމަށް ވެސް ދިވެހިން ނިންމާފައިވާކަން ރައީސް ހިތާބުގައި ފާހަގަ ކުރެއްވި އެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ ދިވެހިން އާ ސަރުކާރެއް ހޮވައި ދިވެހިންގެ އެ ނިންމުންތައް ހަގީގަތަކަށް ހެދުމަށް ހަވާލުކޮށްފައިވާ ކަމަށާއި ސަރުކާރު ކުރިޔަށް ދާނީ އެ މަސްއޫލިއްޔަތު ތެދުވެރިކަމާއި ޒިންމާދާރުކަމާ އެކު އަދާކުރުމުގައި ކަމަށެވެ.
ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ މި ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.