މިއަހަރުގެ ބަޖެޓް އެކުލަވާލެވިފައިވަނީ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަޝްވަރާކުރެވި ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަންދީގެން ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްގައި ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ސިޓީ ކައުންސިލްގެ ބަޖެޓް އެކުލަވާލުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާގެ ހޯދި ކަމަށެވެ.
އޭގެ ތެރޭގައި ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންތައްތަކަކީ ކޮބާތޯ ބެލި އެންމެ އަވަހަށް ކުރިއަށްގެންދަން ބޭނުންވާ މަސައްކަތްތަކަކީވެސް ކޮބާ ބެލިފައިވާ ކަމަށެވެ.
ބަޖެޓް އެކުލަވާލެވި ފާސްކުރެވިފައިވަނީ ރައްޔިތުން ހިމެނި ކަންތައްތަކަށް އިސްކަންދީގެންކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އާތިފް ވަނީ މިއަހަރުގެ ބަޖެޓްގައި އިސްކަންދީގެން ކުރާނެ މަސައްކަތްތައް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން މުނިސިޕަލް ހިދުމަތްތައް ހަރުދަނާކުރުމާއި މައިޒާންތަކާއި ޕާރކްތައް ތަރައްގީކުރުމާއި މާލިއްޔަތު އިތުރުކުރުމާއި ރަށުގެ ލިބެން ނެތް ހިދުމަތްތައް ތައާރަފްކުރުމަށް ބަޖެޓްގައި ހިމެނިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ވަރަށް ގިނަ ހިޔާލާއި މަޝްވަރާ ރައްޔިތުން ދީފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި އެ ބައްދަލުވުމަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ބައްދަލުވުންކަމަށް ސިޓީ ކައުންސިލް ވަނީ ބުނެފަ އެވެ.