twitterviber whatsapp telegramfacebookyoutube instagram
1st May 2024

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މި މަހު 30 ގައި ހުޅުވާލަނީ

ނަބީލާ އިސްމާޢީލް
Jan 11, 2024

މި އަހަރު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30ގައި ހުޅުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލަން އެ ކޮމިޝަނުން ތާވަލުކޮށްފައި ވަނީ މި މަހު 30 އިން ފެށިގެން އަންނަ މަހު 14 ގެ ނިޔަލަށް ކަމަށެވެ.

މަޖިލިސް އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައި އީސީން ވަނީ އިއްޔެ އެކަން އިއުލާންކޮށްފަ އެވެ.

އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، ރޯދައިގެ ފަހުގެ ތާރީހެއްގައި އެކަން ކުރަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރެގެން ކަމަށެވެ. އަދި ކުޑަ އީދު ބަންދަށް ފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްވަރު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އީސީން ބުނި ގޮތުގައި ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ނަމަ ސްކޫލްތައް ނުލިބި ވޯޓުލާ މަރުކަޒުތައް ގާއިމްކުރަން އެކަށީގެންވާ ތަންތަން ނުލިބިދާނެ އެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 284،327 މީހުންނަށް އަރާ އިރު އޭގެ ތެރޭގައި ހިމެނެނީ 145162 ފިރިހެނުންނާއި 139165 އަންހެނުން ކަމަށް އިއްޔެ ހަބީބު ވިދާޅުވިއެވެ. އެއީ ރިޔާސި އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލި މީހުންނަށް ވުރެ 1523 އިތުރު އަދަދެކެވެ.

އިއްޔެ އީސީން ވަނީ ވޯޓު ލެވޭ މީހުން ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21ގެ ނިޔަލަށް ހުޅުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355