ކުރިއަށް ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހާއްސަ އިނާޔަތްތަކެއް ހަމަޖައްސަވާނޭކަމަށާއި އެގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"މި ރޯދަމަހު އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން. އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މިއަންނަ އަހަރު އެއަށްވުރެ އިތުރުވެސް ކުރާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ބަޔަކަށް ދިވެހިން ހެދުންކަމަށާއި އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯދުމަށްވެސް ވަކި ގައުމަކަށް ބަރޯސާވުން ހުއްޓާލުމަށްޓަކައި އެހެން ގައުމުތަކުން އެތަކެތި ގެންނަން ނިންމާފައިވާކަމަށެވެ.
އެގޮތުން ރާއްޖެއަށް އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެވެސް އިތުރަށް ތުރުކީން ހަނޑު، ހަކުރު، ފުށް ގެންނަން ނިންމާ، އެކަމާ ގުޅޭ އެއްބަސްވުންތައް ގާއިމްކޮށްފައިވާކަން ރައީސް ހާމަކުރެއްވި އެވެ. މީގެއިތުރުން ފިޔާ، ބިސް އަދި އަލުވިވެސް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އާއްމު ގޮތެއްގައި ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ގެންނަނީ އިންޑިއާއިންނެވެ. ނަމަވެސް ފަހަަކަށް އައިސް އެ ގައުމުން ދަނީ ބައެއް ދުވަސްވަރާއި ދިމާކޮށް ބައެއް ތަކެތި އެކްސްޕޯޓްކުރުން މެދުކަނޑާލަމުންނެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތައް ވަރަށް ބޮޑަށް އުފުލެން މެދުވެރިވެއެވެ.