ކުޅުދުއްފުށީގެ މުނިސިޕަލް ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މިއަހަރުގެ ސިޓީ ކައުންސިލްގެ ބަޖެޓްގައި 3.8 ރުފިޔާ ހިމަނައިފި އެވެ.
މޭޔަރު މުހައްމަދު އާތިފް، ވިދާޅުވީ ރަށުގެ މުނިސިޕަލް ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މިއަހަރުގެ ބަޖެޓްގައި ހާއްސަ އިސްކަމެއްދީފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ، ރައްޔިތުންގެ ބައްދަލުވުންތަކުން ލިބުނު ހިޔާލާއި މަޝްވަރާތަކުގެ މަތިން ރައްޔިތުން ބޭނުންވާ މުހިންމު ކަންކަމަށް ބަޖެޓްގައި ހިމެނުމަށް އިސްކަންދީފައިވާނެ ކަމަށެވެ.
އެގޮތުން މޭޔަރު ވިދާޅުވީ، މުނިސިޕަލް މަސައްކަތް ހަރުދަނާކޮށް ފުޅާކުރުމަށް ވަރަށް ބޮޑަށް ފޯކަސްކޮށްފައިވާނެ ކަމަށާއި އެގޮތުން ވެހިކަލް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކައުންސިލް މާލިއްޔަތުން ޑަންޕް ލޮރީއަކާއި އެކްސްކަވޭޓަރެއް ގަތުމަށް ހަމަޖެހިފައިވެ އެވެ.
އަދި ވިއްސާރަ ދުވަސްތަކުގައި ކާނުތައް ބެދި ފެން ދައުރުނުވާ މައްސަލަ ހައްލުކުރުމަށް ޖެޓް ކުލީނާ އަކާއި އަދި ތާރު މަގުތަކުގައި ކަނޑާ ތަންތަނުގައި ތާރު އެޅޭނެ އިންތިޒާމެއް މިއަހަރު ހަމަޖައްސާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. ތާރު ކަނޑާ ތަންތަން މިހާރު ފިލްކުރަނީ ކޮންކްރިޓް އަޅައިގެންނެވެ.
މޭޔަރު ވިދާޅުވީ، ތާރު މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ވަގުތީ ފެންހިންދާ ނިޒާމުތަކެއް އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އަތޮޅު ކައުންސިލް އިދާރާ ސަރަހައްދާއި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކަށް އިސްކަންދެއްވާނެކަމަށް މޭޔަރު ވިދާޅުވި އެވެ.