twitterviber whatsapp telegramfacebookyoutube instagram
17th September 2024

ރައްޔިތުން ބޭނުން ސުވާލެއް ރައީސާ ކުރެވޭނެ ފޯރަމްތަކެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Jan 23, 2024

ސީދާ ރައްުޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ބާއްވާ، ރައްުޔިތުންގެ ގާތަށް ވަޑައިގަތުމަށް ދަތުރުތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މާލޭ މޭޔަރު އާއި ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ އިތުބާރާއި ތާއިދާއި އެކީގައި އިންތިހާބު ވެގެން އަންނަނީ ރައްޔިތުންނަށް ކުލުނާއި ލޮތްބާއި އެކީގައި ހިދުމަތް ކުރަން ކަަމަށެވެ. ތަފާތު ކުރުމެެއް ނެތި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ކަމަށްވާއިރު، އެގޮތުގައި ހުރިހާ ރަށެއްގެ ކައުންސިލްތަކުން މަސައްކަތް ކުރާނެ ކަމަށް ޔަގީން ކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެންވެސް ސަރުކާރުންވެސް މަސައްކަތް ކުރަމުން ދާނީ އެގޮތަށް، އަޅުގަނޑު ވައުދުވެސްވިން، ވައުދު ނުވި ނަމަވެސް އަޅުގަނޑު ކަން ކުރާނެ ގޮތަކީވެސް ރައްޔިތުންނާއި ގާތަށް ދިއުން،". ރަައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރަން ނިންމެވި ކަމަށާއި، އެ ދަތުރުތައް މި އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށެވެ. އަދި ވަގުތު ލިބޭވަރަކުން ވަރަށް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް ނިންމަވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލެވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން އޮޅުން ފިލުވާ ދިނުމަކީ މީގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިގޮތުން ދެ މަހުން އެއް މަހު ވަޒީރުން، ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ކިޔާ ދިނުމަށް، ރައްޔިތުން ސީދާ ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމަށް ފުރުސަތު ދޭނެ ކަަމަށް މީގެ ކުރިން ވިދާޅުވިކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި އޭގެ ފުރަތަމަ ފޯރަމް އަންނަ ހަފްތާ ތެރޭގައި އޮންނާނެ ކަަމަށް ރައިސް ވިދާޅުވިއެވެ. އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާއި ގުޅުން ހުރި ދާއިރާތަކުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ދޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ މަސް ފަހުން އަނެއްކާ، އެފަދަ ފޯރަމެއް އޮންނައިރު، ކޮންމެ ފޯރަމެއްގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން ކުރަން ހުރި ސުވާލުތައް ލިބޭ ދެގަޑިއިރު ތެރޭގައި ކުރެވޭނެ، ހަމަ އެގޮތަށް ތިން މަހުން އެއް މަހު އަޅުގަނޑުވެސް ސީދާ ރައްޔިތުންނަށް ހަމަ އެފަދަ ފުރުސަތު ދޭނަން، ޕަބްލިކް ފޯރަމެއް، މިފަދަ ދަރުބާރެއް ބާއްވާ، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކެއް ކުރުމުގެ ފުރުސަތު ދޭނަން،". ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފޯރަމް އަންނަ މަހު ބާއްވާނެ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން މަސައްކަތް ކުރަމުން ދާނީ ރައްޔިތުންނާއި ގާތުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޖަވާބު ނުދެވޭނެ ސުވާލެއް ނުހުންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355