twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭއަށް އާދިއްތަ ދުވަހު ޓެސްޓު ފްލައިޓު ޖައްސަނީ

Jan 24, 2024

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ތެރެއިން އަލަށް ހަދާފައިވާ ރަންވޭ އަންނަ އާދިއްތަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފި އެވެ.

އާރްއޭސީއެލް އިން ބުނީ އާ ރަންވޭގައި އާދިއްތަ ދުވަހު ޓެސްޓް ފްލައިޓެއް ޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ އާ ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތްތަކެވެ. އާ ރަންވޭ އިން ނިމިފައިވާ 1200 މީޓަރުގެ ބައި ހުޅުވާލުމަށްފަހު ޝެޑިއުލްއާ އެއްގޮތައް ދަތުރުތައް ފަށާނެ ކަމަށްވެސް އާރްސީއެލް އިން ބުނެ އެވެ.

ހަނިމާދޫ އެއާޕޯޓްގައި އާ ރަންވޭއެއް ހެދުމުގެ އިތުރުން އާ ޓާމިނަލް އަޅާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި 2،461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ވެސް ހުންނާނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ހަވާލުކުރީ ސެޕްޓެމްބަރު 25، 2022ގައި، 136.6 މިލިއަން އެމެރިކާ ޑޮލަރަށް އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއަކީ އިމާރާތް ކުރުމުގެ ދާއިރާއާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ހިންގާ އިންޑިއާގެ ކުންފުންޏެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުތައް ކަމަށްވާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355