twitterviber whatsapp telegramfacebookyoutube instagram
4th May 2024

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ

Jan 28, 2024

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނު ކޮށްފިއެވެ.

މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި 13 މެމްބަރަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ޕީއެންސިއަށް ސޮއިކޮށްފައިވާއިރު، މިހާރު ޕީއެންސީގައި ޖުމްލަ 14 މެމްބަރުން ތިއްބަވާ ކަމަށް ރިޔާސަތުގައި ހުންނެވި، މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވަނީ އިއުލާނު ކުރައްވާފައެވެ.

ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީގައި ތިއްބެވި 13 މެމްބަރުން ޕީއެންސީއަށް ބަދަލުވިކަން މަޖިލީހަށް އަންގާފައިވާ ކަމަށާއި އެބޭފުޅުން ޕާޓީ ބަދަލުވިކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް އަންގާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، 15 މެމްބަރުން ޕީއެންސީގައި ތިބުމާއި އެކީ މިވަގުތު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީ ކަމަށާއި މައިނޯރިޓީ ލީޑަރަކީ ފުނަދޫ ދާއިރާގެ މެމްބަރު، މޫސާ ސިރާޖު ކަމަށެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި މީގެ ކުރިން އޮތީ 13 މެމްބަރުން ތިއްބަވާ ޑިމޮކްރެޓްސްއެވެ.

އަސްލަމް ވިދާޅުވީ މިވަގުތު މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގައި 44 މެމްބަރުން، ޕީއެންސީ 14 މެމްބަރުން ޑިމޮކްރެޓްސްގެ 13 މެމްބަރުން، ޕީޕީއެމް 2 މެމްބަރުން، އެމްޑީއޭ 2 މެމްބަރުން، ޖުމްހޫރީ ޕާޓީގެ 2 މެމްބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 3 މެމްބަރުން ކަމަށެވެ

ޕީއެންސީއާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީޕީއެމްގެ ދެ މެމްބަރަކު މަޖިލިހުގައި ތިއްބަވައެވެ. އޭގެ އިތުރުން އެމްއެންޕީގެ ދެ މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރުން ވެސް މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޕީއެންސީއާ އެކުގައެވެ. އެއާއެކު، ސަރުކާރާ އެއްކޮޅުގައި މަޖިލިހުގައި ތިއްބެވި މެމްބަރުންގެ އަދަދު 21 އަށް އަރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355