ރާއްޖޭގެ ސިޔާދަތަށް ލޮޅުން އަރާފާނޭކަމެއްގައި ދިވެހި ސަރުކާރުން އެއްވެސް ބަޔަކަށް ދޫ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި އުންމަތުގެ ހާލާއި، މުސްތަގްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަންކަމަށެވެ.
ރައީސް މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ 91 އަހަރުކުރީން، 1932 ވަނަ އަހަރުގެ ޑިސެންބަރުމަހު 22 ވަނަ ދުވަހު، ރާއްޖޭގެ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް، އޭރުގެ ރަސްގެފާނު އައްސުލްޠާން މުހައްމަދު ޝަމްސުއްދީން، 3 ވަނައިގެ ފަރާތްޕުޅުން އިއްވެވި ޚުޠުބަތުލްޢަރުޝި ނުވަތަ ރިޔާސީ ބަޔާނަށް އަލިއަޅުއްވާލައްވާފައެވެ، އެގޮތުން ޝަމްސުއްދީން ރަދުންގެ ފަރާތުން އިއްވެވި ބަޔާނުގައި، އިސްލާމް ދީނުގެ މަތިވެރިކަމާއި އަމިއްލަވަންތަކަމާއި އަމިއްލަ ވެރިކަންމަތީގައި ތިބެވުމަކީ ބޮޑު ނިއުމަތެއްކަން ރަދުން ފާހަގަކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް، އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެ ގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިއަތެއް." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެގައުމުގެ ސަރުކާރުގައި ދަންނަވާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ގާއިމުވެ ތިބި ތިން އޭވިއޭޝަން ފްލެޓްފޯމުތަކުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި ބޭރުގެ ސިފައިން މާޗް 10 ގެ ކުރިން ދާނެ ކަމަށާއި ބާކީ ދެ ފްލެޓްފޯމުން 10 މޭ ގެ ކުރިން ދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިހުތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަވެސް މިހާރު ވާނީ ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައި." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް ތަޖްރިބާކާރުންގެ ޓީމަކުން މިހާރު ކުރަމުންދާ ކަމަށެވެ.