ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު، މުލީއާގެއަށް ބަދަލުވެވަޑައިގެންފިއެވެ.
މުލިއާގެއަށް ބަދަލުވެވަޑައިގަތުމާ ހަމައަށް ރައީސްގެ ދެކަނބަލުން ދިރިއުޅުއްވީ ރައީސްގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައެވެ. އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވަން އެމަނިކުފާނު ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މުލިއާގެ ދޫކޮށްލިއިރު އެތަން މަރާމާތް ކުރަން ޖެހިފައިވާތީއެވެ.
މުލިއާގެ މަރާމާތު ކުރި ނަމަވެސް އެތަނުގެ އަސްލު ގެއްލޭ ވަރުގެ އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މުލިއާގެއަކީ މީގެ 104 އަަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަނެކެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަގުތީ ގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. އެއީ، 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.
އެއަށް ފަހު 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވާފައި ވަނީ މުލީއާގޭގައެވެ.
އޭގެ ފަހުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ރައީސް ކަމަށް ވަޑައިގެން ބޭނުން ކުރެއްވީ ހިލާލީގެއެވެ.
ވަހީދުގެ ވެރިކަމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވީ އަމިއްލަފުޅު ގޭގަައެވެ. އެ ސަރުކާރުގައި މުލިއާގެ ބޭނުންކުރީ ސިޔާސީ ބައްދަލުވުންތައް ބޭއްވުމަށެވެ.
ރައީސް ސޯލިހްގެ ދެކަނބަލުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައި މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވެވިއެވެެ. އަދި އެ ގެއިން އެ ދެ ކަނބަލުން ނިކުމެ ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހުގައެވެ.