twitterviber whatsapp telegramfacebookyoutube instagram
17th September 2024

އާޓިފިޝަލް އިންޓެލިޖެންސްއާއެކު، އުފެއްދުންތެރިކަން އިތުރުކުރުމަކީ ތަސައްވަރެއް: ރައީސް

ނަބީލާ އިސްމާޢީލް
Feb 14, 2024

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އީޖާދީ ވިސްނުންތައް އިސްކޮށްގެން، ރާއްޖޭގެ އިގުތިސާދީ އަދި އުމްރާނީ ތަރައްގީ ޒަމާނީ އާ މިސްރާބަކަށް ގެންދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ކުރިއަށް ގެންދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި ތަގުރީރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގުދުރަތީ ގޮތުން ރާއްޖެ އޮތް ސަރަހައްދުން ހޯދެން އޮތް ހުރިހާ ނަފާ އާއި ފުރުސަތުތަކުގެ ފުރިހަމަ ބޭނުން ހިފުމަކީ އެ މަނިކުފާނު ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށެވެ.

"އެއީ މުސްތަގުބަލަށް މިސްރާބު ހުރި، އެންމެންގެ ބައިވެރިވުން އޮތް، އީޖާދީ ދެމެހެއްޓެނެވި ތަރައްގީއަށް މަރުހަބާ ކިޔާ ރާއްޖެއެއްގެ ތަސައްވުރު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުން އަމާޒު ހިފާފައި ވަނީ، ވަރަށް ވެސް ވަރުގަދަ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނައުމަށެވެ.

މުޅި ދުނިޔޭގައި ވެސް ޓޫރިޒަމުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ ޓޫރިޒަމް ސިންދަފާތުކޮށް، ސްޕޯޓްސް، އެޑިއުކޭޝަން އަދި ވެލްނަސް ޓޫރިޒަމް ތައާރަފު ކުރުން ކަމަށެވެ.

ޓޫރިޒަމްގެ އިތުރުން، ރާއްޖޭގެ އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރަކާއި ގައުމުގެ މައި އެއާޕޯޓު ތަރައްގީ ކުރުން ފަދަ މުހިންމު މަޝްރޫއުތައް ފާހަގަކުރައްވައި، ރައީސް މުއިއްޒު ވަނީ ރާއްޖެ އިން ޓޫރިޒަމަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެންނަން ސަރުކާރުން ގެންގުޅޭ ޕްލޭންތައް ވެސް ހިއްސާ ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ބިނާވެފައިވަނީ އީޖާދީ ވިސްނުންތަކުގެ މައްޗަށް،" މާލެ އަށް އާބާދީ ހިޖުރަކުރުން މަދުކުރަން އަތޮޅު ތެރޭގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުން ފަދަ ޕްލޭންތައް ހުރިކަން ހާމަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ޕްލޭންގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީގެ ގޮތުގައި، މާލޭގެ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއު ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރާއްޖެ ބަދަލުކޮށްލުމަށް ސަރުކާރުން ފަށާފައިވާ ދަތުރުގައި، ޔޫއޭއީ ފަދަ ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"ބޭރު ގައުމުތަކާ އެކު ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރުމާއި ދެ ފަރާތަށް ފައިދާވުމުގެ އިތުރުން ސިޔާސީ އަދި އިގުތިސާދީ ވިލުންވެރިކަން ވަރުގަދަ ކުރުމާ އެކު ދިވެހި ރައްޔިތުންގެ އެންމެހާ ބޭނުންތައް ފުއްދުމުގެ މައްޗަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355