twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅު

ނަބީލާ އިސްމާޢީލް
Feb 19, 2024

ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަގައި، ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫންކަމުގައި ވިދާޅުވެ، އެހެންނަމަވެސް އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ގައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ފެށުނުއިރު 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާކަން ފާހަގަ ކުރައްވާފައެވެ. ހަމައެހެންމެ ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރިވަރަށްވުރެ ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ޖުމްލަ 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިސާދީ ހާލަތު އޮތްގޮތަށް ބަލާއިރު ފައިސާ ޗާޕްކުރުން ހުއްޓާލުމަށާއި، އިޤުތިސާދީ ހާލަތު ބަދަލުކުރުމަށް މިސަރުކާރުން އެޅި ފިޔަވަޅުތަކަކީ މިހާލަތުގައި އޮތް އެއްވެސް ގައުމަކުން ނުނިންމާފަދަ ހިތްވަރު ގަދަ ނިންމުމެއްކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ފާހަގަކުރާކަމުގައެވެ.

މީގެ އިތުރުން މިސަރުކާރުން ލޯނު ނަގައިގެން ކުރިއަށްގެންދާ ބޮޑެތި މަޝްރޫއުތައްވެސް ކުރިއަށްގެންދާނީ ދިވެހިންނަށް އޭގެ މަންފާ ކުރާގޮތަށްކަން ފާހަގަކުރައްވައި، އައްޑޫސިޓީގެ ހުޅުދޫމީދޫއާއި ހިތަދޫ ގުޅުވާލާ ބުރިޖުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ އެގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ބައެއް ސާމާނާއި ލޮޖިސްޓިކްސްގެ މަސައްކަތްތައް ފަދަ ކަންކަމުން އައްޑޫސިޓީގެ ރައްޔިތުންނަށް މަންފާކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355