ހއ އިހަވަންދޫގައި ހޮސްޕިޓަލު ގާއިމުކުރެވުމުގެ ކުރިންވެސް މިހާރު ހުރި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ވައުދުވެވަޑައިގެންނެވި ގޮތަށް ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި، އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭގޮތަށް، ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ފުޅާ މިނުގައި ގާއިމުކުރާ މަސްވެރިކަމުގެ އެސްޓަބްލިޝްމަންޓަށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިހާރު ބަލަމުންދަނީ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްއަކުން ދިގު މުއްދަތަށް ބަހާލައިގެންވިޔަސް އެމަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފައިބަރު މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ދާއިމީ ހެއްލެއް ގެނެސްދެއްވާނެކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ވެމްކޯއިން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ. ހަމައެއާއެކު ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގައި އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިހަވަންދޫއާއި ހޯރަފުށްޓަކީ އެ ސަރަޙައްދުގެ އާބަން ސެންޓަރުތަކުގެ ގޮތުގައި ބަލާ ތަންތަން ކަމަށާއި އެހެންކަމުން މިސަރަހައްދަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ހިނގަންޖެހޭނީވެސް ފުޅާދާއިރާއެއްގައި ނުވަތަ ލާޖް ސްކޭލުގައި ކަމަށެވެ.