ރާޅާ އެޅުމަށް ބޭނުންކުރާ ކަނދު ނުވަތަ ސާފު ބޯޑު އުފުލުމަށް މޯލްޑިވިއަން އެއާލައިނަށް އެރުވުމަށް ނަގާ ފީ އެ އެއާލައިނުން ކުޑަކޮށްދީފި އެވެ.
އެގޮތުން މޯލްޑިވިއަން އިން ކުރި އިއުލާނުގައި ބުނީ ސާފިން ބޯޑަށް އެ އެއާލައިން އިން ނަގާ ފީ ކުޑަކޮށްފައިވާކަމަށާއި އެގޮތުން ބޮޑު ސާފިން ބޯޑަަކަށް ނަގާ ފީ %33 އަގު ހެޔޮ ކޮށްފައިވާއިރު ކުޑަ ސާފިން ބޯޑަަކަށް ނަގާ ފީ %66 ވަނީ އަގު ހެޔޮ ކޮށްފަ އެވެ.
Surf into our Revamped New Surfbag Categories with price reductions. Catch the latest updates #Maldivian #Surfbag #New Category pic.twitter.com/MUZMFY8XNL
— MaldivianAero (@MaldivianAero) February 25, 2024
ފީ ކަނޑައަޅާއިރު، ބޮޑު ސާފިން ބޯޑުގެ ގޮތުގައި ބަލަނީ، ދިގު މިނުގައި 86 އިންޗި، ފުޅާ މިނުގައި 24 އިންޗި ހުންނަ، އަދި ބޯމިނުގައި 6-10 އިންޗި ހުންނަ ބޯޑެވެ. ކުޑު ސާފިން ބޯޑުގެ ގޮތުގައި ބަލަނީ، ދިގު މިނުގައި 86 އިންޗި، ފުޅާ މިނުގައި 24 އިންޗި ހުންނަ، ނަމަވެސް ބޯމިނުގައި 5 އިންޗި ހުންނަ ބޯޑެވެ.
ސާފިން ބޯޑު ގެނައުމަށް ނަގާ ފީ ކުޑަކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދުނީ "ރައީސްގެ ޖަވާބު" ސިިލްސިލާގައި ގދ. ގައްދޫ، އަހުމަދު ރަޝީދެވެ.
މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ގދ. ގައްދު އަށް ކުރެއްވި ދަތުރުފުޅުގައި އަހުމަދު ރަޝީދުގެ ކަންބޮޑުވުމަކީ، ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމުގެ ތެރެއިން ކުރަމުން އަންނަ ކަމަކަށް ވިޔަސް ސާފު ބޯޑު އުފުލުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބޮޑު ފީއެއް ނަގާ މައްސަލަ އެވެ. އެހެންވެ، އޭގެ ދަތިތައް ކުރިމަތިވާ ކަމަށް އޭނާގެ ސުވާލުގައި ފާހަގަކުރި އެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ސާފު ބޯޑު އުފުލުމަށް މޯލްޑިވިއަން އެއާލައިނުން ނަގާ ފީ ބޮޑުކަމަށް އެ މަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ، އެކަމުގެ މަޝްވަރާކުރައްވައި ވީހާ ވެސް ލުއި ގޮތެއް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.