twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީގެ ތަރައްގީގެ ހުޅުކޮޅު ވަނީ ރޯވެފަ، ސަރުކާރުން އެއަށް ދަރުއަޅާލަދެއްވާ: މޭޔަރު

އަބްދުލް ވާހިދު ޙަސަން
Feb 27, 2024
2

ކުޅުދުއްފުށީގެ ތަރައްގީގެ ހުޅުކޮޅު މިހާރު ވަނީ ރޯވެފައިކަމަށާއި މިހާރު ބޭނުންވަނީ ސަރުކާރުން އެއަށް ދަރުއަޅާލަދެއްވުންކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ސިޓީގެ ރައްޔިތުންނަށް ނުހަނު ބޮޑަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ކުޅުދުއްފުށީގެ ތަރައްގީގެ ހުޅުކޮޅު ރޯވެފައިވާއިރު ސަރުކާރުގެ ފަރާތުން ބޭނުންވަނީ އެއަށް ދަރުއަޅާލަދެއްވުމަށްކަމަށެވެ.

" އަޅުގަނޑު ޝައްކެއް ނުކުރަން މިސަރުކާރުން އަޅުގަނޑުމެންގެ ތަރައްގީގެ ހުޅުކޮޅަށް ދަރުއަޅާލަދެއްވާނެކަމާމެދު. އެއްވެސް ޝައްކެއް ނުކުރަން." މޭޔަރު ވިދާޅުވި އެވެ.

މޭޔަރުގެ ވާހަކައިގައި އެންމެ އިސްކަމެއްދެއްވީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށެވެ. އެގޮތުން މަސައްކަތް ފަށާފައިވާ 400 ހައުންސިން ޔުނިޓާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ 1000 ހައުންސިން ޔުނިޓް އަދި ރައީސް ޑރ މުއިއްޒު ރިޔާސީ އިންތިހާބުގައި ވެފައިވާ 2000 ހައުންސިން ޔުނިޓްގެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި، ނިންމާލަދެއްވުމަށް އެދިލެއްވި އެވެ.

ކުޅުދުއްފުއްޓަކީ ބިމުގެ ދަތިކަން ބޮޑު ރަށެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އިގްތިސޯދީ މަސައްކަތާއި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުން ފަދަ މުހިންމު ބޭނުމަށް ކުޅުދުއްފުއްޓަށް ފަޅެއް ނުވަތަ ރަށެއް ހަމަޖައްސައިދިނުމަށެވެ.

"އަޅުގަނޑުގެ ބިމަކީ ދަތި ބިމެއް، މިހާރު އަޅުގަނޑުމެންގެ އާބާދަށް ބަލާ އަޅުގަނޑުމެންގެ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ބަލާ އަޅުގަނޑުމެންގެ ބިންކޮޅު މިވަނީ މިވަރު ކުޑަވެފަ. އެހެންވީމަ މިރޭ އަޅުގަނޑު އެދޭ އެދުމެއް އަޅުގަނޑުމެންގެ އިހްތިސޯސަށް ފަޅެއް ނުވަތަ ރަށެއް ލިބޭނެ ގޮތް ހައްދަވާލަދެއްވުން." މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވަނީ ސަރަހައްދީ ބަނދަރުގެ މަގަތު ފާލަމަކާއި ލޯކަލް ކޮމާޝަލް ބަނދަރަކާއި ސިލިޕްވޭއެއް ތަރައްގީކޮށްގެންދުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވި އެވެ. އަދި ކުޅުދުއްފުށީގެ ގިނަ ބަޔަކު އާމުދަނީ ހޯދުމަށް ކުރި މިޔަރުގެ މަސްވެރިކަންކުރުމަށް ހުއްދައެއް ލިބޭނެ ގޮތް ހެއްދެއްވުމަށްވެސް މޭޔަރު އެދިވަޑައިގެންނެވި އެވެ.

"މިއަދު އަޅުގަނޑު އެދޭ އެދުމެއް އެއީ މިޔަރުގެ މަސްވެރިކަންކުރުމަށް ސީޒަންތަކަކަށް ބަހާލައިގެން ނަމަވެސް އެ ހުއްދަށް ލިބޭނެ ގޮތެއް ހަމަޖައްސާއިދެއްވުން. އެއީ ކުޅުދުއްފުށިގެ 80 ޕަސެންޓް ރައްޔިތުން ބޭނުންވާނެކަމެއް." މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355