twitterviber whatsapp telegramfacebookyoutube instagram
7th May 2024

ޑްރޯންތައް ދުއްވަން ބޭރު ސިފައިންނެއް ނުތިބޭނެ: ރައީސް

ނަބީލާ އިސްމާޢީލް
Mar 25, 2024

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާ އަސްކަރީ ތިން ޑްރޯން ދުއްވާނީ ހަމައެކަނި ދިވެހި ސިފައިން ކަމަށާއި އެ ޑްރޯންތައް ދުއްވުމުގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ސިލްސިލާގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، މުހައްމަދު އިހުސާން ވަނީ ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ސުވާލު އުފައްދައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭގޮތަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނެ ކަމަށެވެ.

"އިހަށް ދުވަހު މި ތައާރަފުކުރި ސިފައިންގެ އެއާކޯ ސާވިސްގައި ވެސް އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީތައް، ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް އެ ކަމަށް އެހީތެރިވާން ވެސް ރާއްޖެއަކު ނުތިބޭނެ، " އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޑްރޯންތައް ދުއްވަން މިހާރު ތިބެނީ ހުސް ދިވެހީން ކަމަށެވެ.

އަދި، އެ މަސައްކަތްކުރަން ބޭނުންވާ އަސްކަރީ ތަމުރީންތައް ހަދަން މިހާރު ވެސް ދިވެހި ސިފައިންގެ ބެޗެއް ތުރުކީގައި ވެއްޖެ ކަމަށާއި އިތުރު ބެޗްތަކުން ވެސް ތަމުރީން ހާސިލުކުރަން ތުރުކީއަށް ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ސިފައިން ހަމަ ފުލީ ހުރިހާ ކަމެއް ވެސް އެ ޑްރޯންތައް ދުއްވުމުގައި ކުރާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ތެރޭގައި މި ސަރުކާރުން ވީ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ކުރިން ސިފައިން އޮޕަރޭޓުކުރި ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމެވެ.

މި ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މިހާރު ވަނީ އަނބުރާ ގައުމަށް ގޮސްފައެވެ. އަދި، އެ މީހުންގެ ބަދަލުގައި ރާއްޖެ އަންނަ އާންމުންގެ ފުރަތަމަ ބެޗު ވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355