މުޅި ރާއްޖެ ތަރައްޤީކުރުމަށް ވެވަޑައިގެންފައިވާ އެންމެ ވައުދެއްވެސް ދޫކޮށް ނުލާނެކަމަށާއި، ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައްޑޫސިޓީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލެއާއި އެއް ފެންވަރުގެ ހިދުމަތް ނުވަތަ އެއަށްވުރެ މަތީ ފެންވަރަށް އައްޑޫ ސިޓީ ތަރައްގީކުރައްވާނެކަމަށެވެ. ރައީސް ވަނީ ދެކުނު ޒޯންގެ މައި ހަބަކީ އައްޑޫ ސިޓީކަމުގައި ހަދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.
"މިއީ ވަރަށް ގިނަ ވާހަކަ ހަގީގަތުގަ. ވަރަށް ގިނަ ކަންކަން ގުޅި ލާމެހިގެންދާ ކަންކަން. އަޅުގަނޑު ބޭނުމެއް ނޫން ތި ރައްޔިތުންނަކީ ތަރައްޤީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާކަށް. ތަރައްޤީގެ އުންމީދުގައި ހަޤީޤީ ކުލަޖެހި، އަމަލީ ސިފައިގައި ނަތީޖާނެރެ ތަރައްޤީ ދައްކައިދޭން އަޅުގަނޑު ބޭނުންވަނީ. އެކަން ކުރެވޭނީ ތިބޭފުޅުން ދެއްވާ އެއްބާރުލުން ދެއްވައިގެން. 100 ޕަސެންޓު ދެއްވާނެކަން." ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ދައުރުގެ އެންމެ ފުރަތަމަ ދުވަހުވެސް އެ މަސައްކަތް ފަށްޓަވާފައިވާކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ދުވަހަކީވެސް ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށް މަސައްކަތް ކުރާ ދުވަހަކަށް ހަދަން ބޭނުންވާކަމަށެވެ.
އައްޑޫގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުތައް ފުއްދަން އިންތިހާބެއް އަންނަންދެން މަޑުނުކުރައްވާނެކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ހަފްތާ 14ގައިވެސް އައްޑޫގެ ބްރިޖު މަޝްރޫއުގެ މަސައްކަތް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އޮތްފަދަ މަޖިލީހަކުން ހުރިހާ ކަމެއް ހުއްޓުވިދާނެކަމަށާއި، އެކަމަށް ފުރުސަތު ނުދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ އައްޑޫ ގަން އެއާޕޯޓު މަޝްރޫއުވެސް މިހާތަނަށް ހަގީގަތަކަށް ވެފައިނުވާކަމަށާއި، އެންމެ ފެންވަރު ރަނގަޅު ބައިނަލްއަޤްވާމީ ފުރިހަމަ އެއާޕޯޓަކަށް ގަން އެއާޕޯޓް ހަދާނެކަމަށެވެ. އަދި އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް އެ މަސައްކަތް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ހައި ސީޒަން އަންނަވާއިރަށް އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ސްރީލަންކާއަށް ކުރާ ދަތުރުތައްވެސް ދެގުނަކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިން ގޯސްކޮށް ކޮށްފައިވާ ކަންކަންވެސް ރަނގަޅުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.