މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދައްކައި ބެކްލޮކް ކްލިއާ ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާއާ ގުޅޭގޮތުން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހާއި ހަމައަށް މަސްވެރިންނަށް ނުދެއްކި 250 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން ބެލިއިރު މަސްވެރިންނަށް މިހާރު ނުދެވިއޮތީ 27 މިލިއަން ރުފިޔާ އެވެ. އެ އަދަދަކީ މަސްވެރިން ބާނާ މަހަށް އެ ދުވަހުން އެ ދުވަހަށް ފައިސާ ނުދެވޭ ނަމަ، އަދަދު އިތުރުވާނެ އަދަދެއް ކަމަށެވެ.
"އިންތިހާބު ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު މަހުގެ އަގަށް ބަދަލު ގެނަ އޭރުގެ ސަރުކާރުން. މަހުގެ އަގު 17 ރުފުޔާއަށް ހުށްޓައި 25 ރުފިޔާއަށް މަހުގެ އަގު ބަދަލުކޮށްފައިވަނީ. އެ ބަދަލާއިއެކު އޭގެ ފަހުން މަސްވެރިންނަށް ފައިސާ ނުދެވި އޮތް އަދަދު އެއީ."، ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ކުއްލިއަކަށް އެ ފައިސާ ދައްކަން ސަރުކާރަށް އުނދަގޫވި ކަމަށެވެ. ނަމަވެސް ނިމިދިޔަ ރޯދަ މަހުގެ ކުރިން އެ ފައިސާ ދައްކާ ހަލާސް ކުރެއްވުމަށް ރައީސް ބޭނުންފުޅުވި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން 17 ނޮވެމްބަރުން ފެށިގެން އެ ފައިސާ ސަރުކާރަށް ދެއްކޭ ވަރަކުން ދައްކަމުން ދިޔަ ކަމަށާއި، ރޯދަ މަހުގެ ކުރިން ބެކްލޮގް އެއްކޮށް ކްލިއާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ރައީސް ޒައާމަތާއި ހަވާލުވެވަޑައިގެން ފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ މިއަދާ ހަމައަށް ދެއްކިއްޖެ. 27 މިލިއަން ރުފިޔާ އެބައޮތް ޑިއު. މަސްވެރިން ރަނގަޅަށް މަސްބާނަ ކަމަށްވާނަމަ އެ ދުވަހުން ދުވަހަށް ފައިސާ ނުދެއްކޭނަމަ ހުންނާނެ ފައިސާ. އެހެން ނަމަވެސް މި މުސާރަ މި މަހު ނިންމާފަ މިފްކޯއިން ދައްކާނެ.". ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.