twitterviber whatsapp telegramfacebookyoutube instagram
21st May 2024

ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް: ރައީސް

May 1, 2024

ސަރުކާރުގެ އުންމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ މުހައްމަދު ދެއްވި އުންމީދީ ހިތާބުގައި ވިދާޅުވީ، ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއްކަމަށާއި ތިޔާގިކަމުގެ އެތައް ފުރުސަތެއްކަމަށެވެ. އެމަނިކުފާނުގެ އުންމީދަކީ އަދި އަޒުމަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދިނުންކަމުގައި އެވެ.

ރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ، ހީވާގި މަސައްކަތްތެރިންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، ގައުމުގެ ކުރިމަގަށްޓަކާ ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ ކަމަށެވެ.

ރައީސްގެ ހިތާބުގެ އުސްއަލިތައް

- ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް، ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން ކަމަށާއި ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށްވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަންޏާއި، އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭވެސް މިފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރިކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ހަރަދުތައް ނުކުރެވި، ގައުމުގެ އިގްތިސޯދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފަ.

- ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން މިދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރުން.

- ސިވިލް ސަރވިސް އަދި ސިއްހީ ހިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށްފަހު، މަސައްކަތާ ފެޔަށްޖެހިވަޑައިގެންފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ދަނީ ފަހިކޮށްދެމުން. އެގޮތުން އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތްކުރެވޭނޭ ގޮތް ހަމަޖައްސައިދޭނަން. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު މިހާރު މިދަނީ ހޯދައިދެމުން.

- މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދިނުން. ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރުމާއި. ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް، އާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދިނުން.

- އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކާ ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވާނީ ކަނޑައަޅައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރުވަނީ ފަށައިފަ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށާއި ގައުމުގެ އިގްތިސޯދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން ކަމަށެވެ.

އިގްތިސޯދީ މަސައްކަތްތައް ފުޅާކޮށް، އާ ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އާ އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދޭނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރުފުކޮށް، ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެ ކަމަށެވެ.

ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގްވާމީ މާރުކޭޓުތަކުން ފުރުސަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355