twitterviber whatsapp telegramfacebookyoutube instagram
8th September 2024

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ

May 11, 2024

މިއަހަރުގެ މިހާތަނަށް ދައުލަތަށް 11 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެއްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 3.7 އިންސައްތަ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މި ނިމުނު އޭޕްރީލްމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 10.7 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 3.7 އިންސައްތައިގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީންގެ ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 9.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.8 ބިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 51.6 މިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސާވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ ރާއްޖޭގެ އިޤުތިޞާދު މި އަހަރު 4.7އަށް އިތުރުވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކުރިން ލަފާކުރި މިންވަރަށްވުރެ މަދު އަދަދެއް ކަމަށް ބުނެފައިވެއެވެ. އަދި މާލީ ގޮތުން ފިޔަވަޅުތަކެއް ތަންފީޒުނުކޮށްފިނަމަ، ރާއްޖޭގެ ދަރަނި އިތުރުވެދާނެ ކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ރިޕޯޓުގައި ވަނީ އިންޒާރު ވެސް ދީފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ، އެ މަނިކުފާނުގެ ވެރިކަން ފެއްޓެވިއިރު އިގުތިސާދީ ހާލަތު ގޯސްކަން ފާހަގަކުރައްވައި، މާލީ އިސްލާހީ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355